ވިޔަފާރި / ޚަބަރު
ކައުންސިލްތަކަށް ޚާއްސަކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބެންކޮކްގައި ރޯޑް ޝޯއެއް ބާއްވަނީ
ބެންކޮކްގެ ސެންޓްރަލް މޯލް ފޮޓޯ : އިންޓަނެޓް
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްޞަ ރޯޑް ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ. މި ރޯޑް ޝޯ އިންތިޒާމުކުރަނީ އެމްއައި އެޑްވަޓައިޒިންގ އިންނެވެ.
މި ރޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 25 އަށް، ބެންކޮކްގެ އެންމެ މަޤްބޫލު އެއް މޯލްކަމަށްވާ ސެންޓްރަލް ވޯލްޑް ޝޯޕިން މޯލްގައެވެ. އެމްއައި އެޑްވަޓައިޒިންގ އިން ބުނާގޮތުގައި މި ރޯޑް ޝޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތަފާތު މަންޒިލްތައް އިޝްތިހާރުކުރުމެވެ.
މިހާތަނަށް މި ރޯޑް ޝޯގައި 13 ރަށެއްގެ ކައުންސިލުން ބައިވެރިވެފައިވާކަމަށް އެމްއައި އެޑްވަޓައިޒިންގ އިން މަޢުލޫމާތު ދެއެވެ. މީގެ ތެރޭގައި މާފުށި، މަތިވެރި، ދިއްފުށި، ފުލިދޫ، ހިއްމަފުށި، އަދި ހިންނަވަރު ފަދަ ރަށްތަކުގެ ކައުންސިލްތައް ހިމެނެއެވެ.
މި ރޯޑް ޝޯގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން، ޚާއްޞަކޮށް ގެސްޓްހައުސްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ރަނގަޅު ފުރުޞަތެއް ލިބޭނެކަމަށް އެމްއައި އެޑްވަޓައިޒިންގ އިން ފާހަގަކުރެއެވެ. އަދި ތައިލެންޑްގެ މީޑިއާތަކުގައި މި އިވެންޓް އިޝްތިހާރުކޮށް، އިންވެސްޓަރުންގެ ޝައުޤުވެރިކަން އުފައްދައި، އިންވެސްޓަރުންނާއި ކައުންސިލްތަކާ ދެމެދު ސީދާ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.