ޚަބަރު
ތިލަމާލެ ބުރިޖުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް މަޝްވަރާކޮށްފި!
ބިނާރާ ބެހޭ ވަޒީރު އިންޑިޔާ ސަރުކާރުގެ އިސްބައެެއް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުން. ފޮޓޯ: ބިނާރާ ބެެހޭ ވުޒާރާ
ހުލާސާ
ތިލަމާލެ ބުރިޖުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާ ކުރެވިފައިވަނީ އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އިންޑިއާ ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި، އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓްގެ ފަރާތުން ބައިވެރިވި ބައްދަލުވުމެއްގަައެވެ.
މިމަޝްވަރާތަކުގައި މަޝްރޫޢު ކުރިއަށްދާ މިންވަރާއި ގުޅޭގޮތުން ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނު ކަމަށާއި، މީގެ މައިގަނޑު މަޤްޞަދަކީ މަޝްރޫޢުގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި ސަރުކާރުގެ އެންމެ އިސްފަންތީގެ ބޭފުޅުންގެ ބައިވެރިވުން ކަށަވަރުކުރުން ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
Minister of Construction and Infrastructure, Dr.Abdulla Muththalib, on his official visit to India, Mumbai, co-chaired the 12th Joint Project Monitoring Committee meeting with co-chair High Commissioner of India to the Maldives, H.E. Munu Mahawar for the Greater Male… pic.twitter.com/F02qXWKGZG
— Ministry of Construction and Infrastructure (@MoCImv) September 10, 2024
މިހާތަނަށް މަޝްރޫޢުގެ 43.59 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މާލެއިން ގުޅީފަޅާ ހަމައަށް މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ މާރޗް 31 ވަނަ ދުވަހެވެ. އަދި ގުޅީފަޅުން ތިލަފުއްޓާ ހަމައަށް ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 ވަނަ ދުވަހެވެ.