ޚަބަރު
ހޯނޑެއްދޫގައި އޭޓީއެމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ރައީސް އޮފީސް
ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ހޯނޑެއްދޫ ކައުންސިލާ ދެމެދުގައެވެ. ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލާ ހަވާލުކޮށްގެންނެވެ. މި އެއްބަސްވުމާއެކު، ސަރުކާރުން ނިންމާފައިވާ ގޮތުގައި މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބެން ފަށާނެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި، އެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ރަށްރަށުގައި ބޭންކިންގ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މާލީ ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.