Ads by Exprox

ޚަބަރު

ވައިގެ ހާދިސާތައް ތަހުޤީޤުކުރާނެ ވަކި އިދާރާއެއް އުފެއްދުމަށް މަސައްކަތް ފަށައިފި

ވައިގެ ހާދިސާތައް ތަހުޤީޤުކުރާނެ ވަކި އިދާރާއެއް އުފެއްދުމަށް މަސައްކަތް ފަށައިފި

ރާއްޖޭގައި ހިނގި ވައިގެ ހާދިސާއެއް ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖެނުއަރީ 2025، 10:01

09 ޖެނުއަރީ 2025، 10:01

ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިނގާ ހާދިސާތައް ތަހުޤީޤުކުރަން ވަކި އިދާރާއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އަމީން ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު މިހާރަށް ވުރެ ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ޖޫން މަހު، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ރާއްޖޭގެ ސޭފްޓީ އޮޑިޓެއް ކުރަން ނިންމާފައިވާ ކަމަށާއި، މި އޮޑިޓުގެ ނަތީޖާ ކުރީގެ އޮޑިޓްތަކަށްވުރެ ރަނގަޅުކުރުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައިކާއޯގެ މިންގަނޑަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު ބަދަލުކޮށްފައިވާ ކަމަށާއި، ވައިގެ ހާދިސާތައް ތަހުޤީޤުކުރާ އިދާރާއެއް އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި އިދާރާ އުފެއްދުމަށް ޖެނުއަރީ މަހު ނިމުމުގެ ކުރިން ކެބިނެޓަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކަން ކުރެވޭތޯ ބަލަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަކީ އޮޕަރޭޓަރުންނާ ގާތުން މަސައްކަތްކުރާ ތަނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 19 އެއަރޕޯޓެއް ތަރައްޤީކޮށް ބޭނުންކުރަމުންދާއިރު، އިތުރު އެއަރޕޯޓުތަކުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ ސީޕްލޭންވެސް ބޭނުންކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco