ދުނިޔެ

ޗައިނާގެ އިޤްތިޞާދު ކުރިއެރުވުމަށް ގޭތެރޭ ސާމާނުން ޚާއްޞަ ޑިސްކައުންޓް ސްކީމެއް ތަޢާރަފުކޮށްފި

ޗައިނާގެ އިޤްތިޞާދު ކުރިއެރުވުމަށް ގޭތެރޭ ސާމާނުން ޚާއްޞަ ޑިސްކައުންޓް ސްކީމެއް ތަޢާރަފުކޮށްފި

ޗައިނާގައި ގޭތެރޭގެ ސާމާނު ވިއްކާ ޑިޕަރޓްމަންޓް ސްޓޯއެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖެނުއަރީ 2025، 01:03

09 ޖެނުއަރީ 2025، 01:03

ޗައިނާގެ ސަރުކާރުން އެ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ގޭގެ ސާމާނު ގަތުމަށް ޚާއްޞަ ޑިސްކައުންޓް ސްކީމެއް ތަޢާރަފުކޮށްފިއެވެ. މި ސްކީމްގެ ދަށުން، ބައެއް ބާވަތްތަކުގެ ސާމާނު ގަތުމުގައި 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މި ސްކީމްގެ ދަށުން ޑިސްކައުންޓް ލިބޭ ތަކެތީގެ ތެރޭގައި މައިކްރޯވޭވް އަވަން، ޑިޝްވޮޝަރ، ރައިސް ކުކަރ އަދި ފެން ފިލްޓަރ ސާމާނު ހިމެނެއެވެ. މީގެ ކުރިން މި ސްކީމްގެ ދަށުން ޓީވީ، ފޯނު، ޓެބްލެޓް އަދި ސްމާޓް ވޮޗްގެ އިތުރުން އިލެކްޓްރިކް އަދި ހައިބްރިޑް އުޅަނދުފަހަރު ގަތުމަށް ޑިސްކައުންޓް ދެމުން ގެންދިޔައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ ޗައިނާގެ އިޤްތިޞާދަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކަސްޓަމަރުންގެ ޑިމާންޑް ދަށްވުމާއި ރިއަލް އެސްޓޭޓް ދާއިރާގެ ހީނަރުކަން ހިމެނެއެވެ. މި ސްކީމަށް މިއަހަރު 81 ބިލިއަން ޔުއާން (8.9 ބިލިއަން ޕައުންޑް؛ 11 ބިލިއަން ޑޮލަރު) ޚަރަދުކުރާނެ ކަމަށް ބުދަ ދުވަހު އިސް އޮފިޝަލުން ބުނެފައިވެއެވެ.

ޗައިނާގެ އިޤްތިޞާދީ ޕްލޭނިންގ އިދާރާއިން ބުނެފައިވާ ގޮތުގައި މާރިޗު މަހު ފެށި މި ސްކީމްގެ ސަބަބުން "ފެންނަން ހުރި" ނަތީޖާތަކެއް ވަނީ ނެރެވިފައެވެ. އަދި ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސިޔާސަތުގެ ސަބަބުން ގޭގެ ސާމާނާއި ކާރުފަދަ އަގުބޮޑު ތަކެތި ވިކޭ އަދަދު އިތުރުވެފައިވެއެވެ.

ނަމަވެސް، ބައެއް އިޤްތިޞާދީ މާހިރުން ބުނާ ގޮތުގައި މި ސްކީމްގެ ސަބަބުން ކަސްޓަމަރުންގެ ޑިމާންޑް އެކަށީގެންވާ ވަރަކަށް އިތުރުވާނެ ކަމަކަށް ނުފެނެއެވެ. މޫޑީސް އެނަލިޓިކްސްގެ ޗައިނާ އިކޮނޮމިކްސްގެ އިސްވެރިޔާ ހެރީ މަރފީ ކްރޫޒް ބުނެފައިވަނީ މި ސްކީމްގެ ސަބަބުން ވަކި ބާވަތްތަކެއްގެ ތަކެތި ވިއްކުން އިތުރުވި ނަމަވެސް، މުޅި އިޤްތިޞާދުގެ ޚަރަދުކުރުން އިތުރުވެފައި ނުވާ ކަމަށެވެ.

ފާއިތުވި މަސްތަކުގައި ޗައިނާއިން ވަނީ އެ ޤައުމުގެ އެތެރޭގެ އިޤްތިޞާދު ކުރިއެރުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުން ގެންގޮސްފައެވެ. މިގޮތުން ޑިސެމްބަރު މަހު ބޭއްވުނު ޗައިނާގެ އިސްވެރިންގެ މުހިންމު ބައްދަލުވުމެއްގައި ކަސްޓަމަރުންގެ ޚަރަދުކުރުން އިތުރުކުރުމަށް "ހަރުދަނާ" މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.

މި ފިޔަވަޅުތައް އަޅަމުންދަނީ ޗައިނާގެ އެކްސްޕޯޓަރުންނަށް ދިމާވަމުންދާ ގޮންޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މި މަހު އަލުން ހުވައިކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެތެރެކުރާ މުދަލަށް 60 އިންސައްތައިގެ ޓެރިފެއް ނަގަން އިންޒާރުދީފައެވެ.



                    


                    

މި ލިޔުން ކިޔާލުމުން