ޚަބަރު
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި %12 އިތުރު އަދަދެއް
ދިވެހި ފައިސާ ފޮޓޯ؛ މޯލްޑިވްސް ކަރެންސީ ގައިޑް
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 9.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ހާމަވެގެންދާ ގޮތުގައި، އެ އަހަރު ލިބުނު 6.4 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، މިއީ 12.9 އިންސައްތަ އިތުރުވެފައިވާ އަދަދެކެވެ.
މިރާއިން އާންމުކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައި މުދަލު ޒަކާތުގެ ގޮތުގައި 9.7 ރުފިޔާ ލިބިފައިވެއެވެ. މި އަދަދަކީ، 2023 ވަނަ އަހަރު ލިބިފައިވާ 6.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 51.5 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ މެއިމަހުގެތެރޭގައެވެ. 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.
ނިޞާބަކީ، މުދަލުގައި އެމިންވަރެއް ހަމަވުމުން މުދަލު ޒަކާތް ނެރުން ވާޖިބުވާ މިންވަރެވެ. ފައިސައިން މުދަލުޒަކާތް ދައްކާނަމަ ރަން ނުވަތަ ރިހިން ފައިސާ އަގުކުރަން ޖެހޭނެކަމަށް ޢލްމުވެރިން އިއްތިފާޤުވެއެވެ.
ރިހީގެ އަގު ރާއްޖޭގައި ކަނޑައަޅަނީ، މަރުކަޒީ ބެންކުންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކޮށް، އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު އަންނަ ތަފާތުތައް ޝާއިޢުކުރަމުންދެއެވެ.
މުދަލު ޒަކާތް ބަލައިގަތުން މީރާއަށް ބަދަލުކުރެވިފައި ވަނީ 2016 ވަނަ އަހަރުއެވެ.