ޚަބަރު
ޤަވާއިދުން ފައިސާ ލިބުމުގެ ޔަޤީންކަމާއެކު ގިނަ އަދަދެއްގެ ދޯނިތައް މަހަށް ނިކުންނަން ފަށައިފި

މަސްދޯނި ފޮޓޯ: އަރި އޮންލައިން
ގިނަ ދުވަސްތަކަކަށް ފަހު މަސްވެރިކަން ރަނގަޅުވެފައި ވާކަމަށާއި، މަހަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވަމުން ދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ހާމަކުރައްވައިފިއެވެ.
މިފްކޯއިން މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްވެރިންނަށް، ރައީސުލްޖުމްޖޫރިއްޔާ ވަޢުދުވެފައިވާ ގޮތަށް ޤަވައިދުން ފައިސާ ދެވެންފެށުމަކީ މަސްވެރި ދޯނިތަކުގެ އަދަދާއި، ކިރެމުންދާ މަހުގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބެވެ.
ގަވާއިދުން ފައިސާ ނުލިބުމަކީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ރައިސް މުއިއްޒު، އެމަނިކުފާނުގެ ދައުރު ފަށާފައި ވަނީ، މަސްވެރިން މަސްކިރުމުގެ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ފޯރުކޮށްދޭނެކަމުގެ ވައުދާއި އެކުގައެވެ. މި ވައުދާއި އެއްގޮތަށް މަސްވެރިން ބާނާ މަހަށް ފައިސާ ދެއްކުން މިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއަށް އެބަދެއެވެ.
މި މުހިންމު ބަދަލާއި އެކު، ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި މިފްކޯއަށް ކިރުވާ މަހުގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ. މިގޮތުން، ފާއިތުވެ ދިޔަ އެއް ހަފްތާގެ ތެރޭގައި، އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 272 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަން މިފްކޯއިން ފާހަގަކުރެއެވެ.