Ads by Exprox

ޚަބަރު

ދިވެހި ޕާސްޕޯޓް : ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓު

ދިވެހި ޕާސްޕޯޓް : ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓު

ދިވެހި ޕާސްޕޯޓް ފޮޓޯ: ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2025، 01:39

13 ޖެނުއަރީ 2025، 01:39

ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ މިއަހަރުވެސް ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ދަތުރުފަތުރުގެ ލިޔުން ކަމުގައި ވަނީ ހިމެނިފައެވެ. ދުނިޔޭގެ ފެންވަރުގައި 53 ވަނަ ގައި ރޭންކްކުރެވިފައިވާ ދިވެހި ޕާސްޕޯޓުން، ވީޒާ ނުހޯދާ 94 ޤައުމަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މިކަން ހާމަކޮށްފައިވަނީ ވީޒާއަކާ ނުލައި އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓުތައް ހާމަކޮށް "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ނެރުނު ލިސްޓުގައެވެ. މިއީ ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލައި ނެރޭ ލިސްޓެކެވެ.

ދުނިޔޭގެ 227 ޤައުމެއް ހިމެނޭ މި ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ 53 ވަނައިގައެވެ. މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 6 ދަރަޖައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި ލިސްޓުގައި ރާއްޖެ އޮތީ 58 ވަނައިގައެވެ.

މިސަރަޙައްދުގެ ދެވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓަކީ ވީޒާއަކާ ނުލައި 58 ޤައުމަކަށް ދަތުރުކުރެވޭ އިންޑިއާއެވެ. އެ ޤައުމު އޮތީ ދުނިޔޭގެ ލިސްޓުގެ 82 ވަނައިގައެވެ.

މިއަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ޤައުމުގެ ޕާސްޕޯޓު ބޭނުންކޮށްގެން ވީޒާއަކާ ނުލައި 195 ޤައުމަކަށް ދަތުރުކުރެވެއެވެ.

ހެންލީ އެންޑް ޕާޓްނަރސްއިން މި ލިސްޓު އާންމު ކުރަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އައިއޭޓީއޭގެ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.

މިއީ ވިދިވިދިގެން އެތައް އަހަރެއްގައި ދިވެހި ޕާސްޕޯޓު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި ދެމިއޮތް ކަމުގެ ހެއްކެކެވެ. މި ރޭންކިންގ ދައްކައިދެނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ އިތުބާރާއި، ދިވެހިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ފަސޭހަކަމެވެ.

ދިވެހި ޕާސްޕޯޓުގެ މި މަތީ ދަރަޖަ ދެމެހެއްޓުމަކީ ދިވެހި ސަރުކާރުން ބޭރު ޤައުމުތަކާއެކު ގާއިމުކޮށްފައިވާ ހަރުދަނާ ގުޅުންތަކުގެ ނަތީޖާއެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ދިވެހި ޕާސްޕޯޓުގެ މި މަތީ ދަރަޖަ ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާކަން މި ރޭންކިންގއިން ހާމަވެގެންދެއެވެ. 
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS