Ads by Exprox

ޚަބަރު

ޓެކްސްއާއި ލޭންޑް ރެންޓުން ލުއިދީގެން، ޑިމާންޑް ކުޑަ ހިސާބުތަކަށް ފަތުވެރިކަން ގެންދިއުމަށް މަސައްކަތްކުރަނީ

ޓެކްސްއާއި ލޭންޑް ރެންޓުން ލުއިދީގެން، ޑިމާންޑް ކުޑަ ހިސާބުތަކަށް ފަތުވެރިކަން ގެންދިއުމަށް މަސައްކަތްކުރަނީ

ރާއްޖެ މިއަދު ޕްރޮގުރާމްގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލް ފޮޓޯ: ޕީއެސްއެމް ނިއުސް

14 ޖެނުއަރީ 2025، 12:59

ޓެކްސްއާއި ބިމު ކުލީގެ އަގުތަކުން، ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެންދިއުމަށްޓަކާއި ބޮޑެތި ލުއިތަކެއް ގެނައުމަށް މަސައްކަތްކުރަށްވަމުން ގެންދަވާކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމް ނިއުސްގައި ބާއްވާ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރާއްޖޭގެ ދުރު ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ ފައިދާއާއި ނުބައްދަލު އިންވެސްޓްމަންޓްތަކެއް އެ ސަރަހައްދުތަކަށް ކުރަންޖެހުންކަމަށް، ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، ފަތުރުވެރިކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް މިވަގުތު ހުރި ގޮތުން، ފަތުރުވެރިންގެ ޑިމާންޑް އެންމެ ބޮޑު ސަރަހައްދުތަކާއި، އެންމެ ކުޑަ ސަރަހައްދުތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދުގައްޔާއި، ކުރާ އިންވެސްޓްމެންޓްތަކުގައި އެއްވެސް ފަރައްޤެއް ނެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

މިއީ، ފަތުރުވެރިންގެ ޑިމާންޑް ކުޑަ ސަރަހައްދުތަކުގައި، ފަތުރުވެރިކަމުގެ މަޝްރޫޢުތައް ފެށުމަށް އިންވެސްޓަރުން ފަސްޖެހޭކަމެކެވެ. ސަބަބުތަކުގެ ތެރޭގައި، އެ ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިޔުމަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމާއި، ވިޔަފާރިން ފައިދާއަކަށް ވާސިލުވުމަށް ހޭދަވާ މުއްދަތުގެ ދިގުކަން ހިމެނޭކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ. ވަޒީރު ވިދާޅުވީ ރިސޯޓެއް ތަރައްޤީކުރުމަށް 45 މިލިއަނެއްހާ ޑޮލަރު ހޭދަކުރާއިރު، ޑިމާންޑް އޮންނަ ސަރަޙައްދުތަކުގައި ވެސް އިންވެސްޓްމަންޓްގެ އަގު ހޯދުމަށް 7-8 އަހަރު ނަގާކަމަށެވެ. ނަމަވެސް ޑިމާންޑް ކުޑަ ސަރަޙައްދުތަކުގައި އެ މުއްދަތު ވަރަށް ބޮޑުތަން އިތުރު ވެގެން ދާކަމީ، އެ ވިޔަފާރި ފެށުމަށް އިންވެސްޓަރުން ފަސްޖެހޭ ސަބަބުކަމުގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ރަނގަޅު ކަނެކްޓިވިޓީއެއް ޤާއިމުކުރުމާއި، ޑިމާންޑް ކުޑަ ސަރަހައްދުތަކުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔާއި، ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ޚަރަދަށް ލުޔެއް ގަނައުމަކީ، މި މައްސަލައަށް ހައްލު ހޯދުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވެއެވެ. 

ކުރީގެ ސަރުކާރުތަކުން ޑިމާންޑް ކުޑަ ހިސާބުތަކަށް ފަތުވެރިކަން ގެންދިއުމުގެ ވާހަކަ ދެއްކިނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން މިކަމަށް ފިޔަވަޅެއް ނާޅާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އައްޑޫ ސިޓީ ސަރަޙައްދާ އަދި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި މިހާތަނަށްވެސް ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުތަކުން މާބޮޑު މަސައްކަތެއް ކޮށްފައި ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންވެސްޓަރުންނަށް ހޯދައިދޭ ލުއިތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުތައް އެ ސަރަޙައްދުތަކުގައި ފެށުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އިންވެސްޓްމަންޓް ފޯރަމްތަކުގައި ވެސް އެ ސަރަހައްދުތަކަށް އަމާޒުކޮށް އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco