ޚަބަރު
160،000 އަހަރަކުރިން ފެނުނު ގިނިހިލައެއް އަލުން ފެންނަންފަށައިފި
ގިނިހިލަ ފޮޓޯ:އިންޓަނެޓް
160،000 އަހަރަށްފަހު އުޑުން ފެންނަން ފަށާފައިވާ އައު ގިނިހިލައެއް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފެންނާނެ ކަމަށް ނާސާއިން ބުނެފިއެވެ. މި ގިނިހިލައަކީ ސީ/2024 ޖީ3 (އެޓްލަސް) ގެ ނަމުން މަޝްހޫރުވެފައިވާ ގިނިހިލައެކެވެ.
ނާސާއިން ބުނާ ގޮތުގައި ގިނިހިލައިގެ އަލިކަމަށް ކުރިއަށް އޮތްތަނުގައި ވާނެ ގޮތް ލަފާކުރަން ވަރަށް އުނދަގޫ ނަމަވެސް، މި ގިނިހިލަ އާންމު ލޮލަށް ފެންނަ މިންވަރަށް އަލިވެދާނެއެވެ. މި ހަފްތާގެ ހޯމަ ދުވަހު މި ގިނިހިލަ އިރާ އެންމެ ކައިރިވި ހިސާބަށް (ޕެރިހެލިއަން) ގޮސްފައިވާއިރު، މިއީ ގިނިހިލައިގެ އަލިކަމަށް އަސަރުކުރާނެ ކަމެކެވެ. އަދި ހޯމަ ދުވަހުގެ ރެއިން ފެށިގެން މި ގިނިހިލަ ފެންނަން ފަށާފައިވާ ކަމަށް މާހިރުން ބުނެއެވެ.
މި ގިނިހިލަ އެންމެ ރަނގަޅަށް ފެންނާނީ ދުނިޔޭގެ ދެކުނުން ކަމަށް މާހިރުން ލަފާކުރެއެވެ.މި ގިނިހިލަ ފުރަތަމަ ފާހަގަކުރެވުނީ ނާސާގެ އެސްޓަރޮއިޑް ޓެރެސްޓްރިއަލް-އިމްޕެކްޓް ލާސްޓް އެލަރޓް ސިސްޓަމުންނެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ އެސްޓްރޯޕާޓިކަލް ފިޒިކްސް އަދި ކޮސްމޮލޮޖީ ދާއިރާގެ ދިރާސާވެރިއެއް ކަމަށްވާ ޑރ. ޝިޔާމް ބަލާޖީ ވިދާޅުވި ގޮތުގައި މި ގިނިހިލަ އިރާ ގާތްގަނޑަކަށް 8.3 މިލިއަން މޭލު ދުރުން ދަތުރުކުރާނެއެވެ. އަދި މިއީ "ސަން-ސްކަރޓިންގް" ގިނިހިލައެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ހިލައެކެވެ.