ޚަބަރު
އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތް ހަދައިގެން ނޫނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމެއް ނުހުއްޓުވޭނެ: ހަސަން ޒަކަރިއްޔާ
ހަސަން ޒަކަރިއްޔާ ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ވެއްދުން ހުއްޓުވޭނީ އީފާސް މެދުވެރިކޮށް އޮންލައިން ވިޔުގައެއްގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަދެވޭގޮތް ހަދައިގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ހަސަން ޒަކަރިއްޔާ މިހެން ވިދާޅުވީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އޮޅުވާލައިގެން މީހުން ޕާޓީތަކަށް ވައްދާ މައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށާއި، އަހަރުގެ ފަހުކޮޅު، މެންބަރުން އިތުރުކުރުމުގެ މަސައްކަތް ޕާޓީތަކުން ކުރާއިރު ރަށްރަށުން ޕާޓީ ތަކުގެ އޮފިސްތަކަށް ލިބޭ ފޯމުތަކުގެ ސޮޔާއި، އިނގިލީގެ ނިޝާންތަކުގެ ތެދުކަން ކަށަވަރު ކުރުމުގައި ދަތިތަކެއް ހުންނަކަން ފާހަގަކުރައްވަމުންނެވެ. ރާއްޖެގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މިކަން ފެންނަކަން އެނާ ފާހަގަ ކުރައްވާފައިވެއެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ވެސް، ފޯމުތަކުގައި ހުންނަ ފޯނު ނަންބަރާއި، އިނގިލީގެ ނިޝާނާއި، ހެކިންގެ މަޢުލޫމާތު ފަދަ މަޢުލުމާތުތަކުގެ ތެދުކަން ކަށަވަރުކުރެވޭނެ ނިޒާމެއް ނެތްކަމާއި، މި މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެލެމުން ދާކަމަށެވެ.
"އީފާސް މެދުވެރިކޮށް ޑިޖިޓަލް ޕްލެޓްފޯމެއް، އޮންލައިންކޮށް ކޮންމެ މީހަކު ވެސް އަމިއްލައަށް އެމީހަކު ހުރިތަނަކުން ރީ-ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ގާއިމުކުރީ މީގެ ދެއަހަރު ކުރިންފެށިގެން. ފާއިތުވެދިޔަ ބޮޑު ދެ އިންތިޚާބުގައި އަޅުގަނޑުމެން އެކަން ތަޖުރިބާ ކުރިން. މިއަދާހަމައަށް އައިއިރު އެއްކޮށް އެއޮތީ ރީރަޖިސްޓްރޭޝަން ބަދަލުކޮށްފައި ޑިޖިޓަލްކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ނޫނީ ނުކުރެވޭގޮތަށް، އެހާހިސާބުން ފެށިގެން ރީރަޖިސްޓްރޭޝަންގައި މަކަރުހެދުން އެއްކޮށް ހުއްޓިގެންދިޔަ،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާތު ފޯމުތަކުގައި ޖަހާ އިނގިލީގެ ނިޝާން ވެރިފައިކުރެވޭނެ ވަސީލަތްތައް ބަޖެޓުގައި ހިމެނުމަށް އެދޭތާ އެތައް އަހަރެއް ވެއްޖެކަމަށް ހަސަން ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައި ނުވާކަމަށާއި، ސިޔާސީ ޕާޓީއަށް ވަނުން ފިޔަވައި ހުރިހާ ކަމެއް އީ-ފާސް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމު އެކޮމިޝަނުގެ ޕޯޓަލްގައި ހަމަޖެހިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން ޕާޓީ ރަޖިސްޓްރޭޝަން ވެސް އެ ޕޯޓަލަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.