Ads by Exprox

ޚަބަރު

ޞައްޙަކަން ކަށަވަރުކުރުމަށް ފްލެޓް ލިސްޓުގެ ވެރިފިކޭޝަން މަސައްކަތް މިދަނީކުރަމުން: ވަޒީރު ޑރ.މުއްޠަލިބް

ޞައްޙަކަން ކަށަވަރުކުރުމަށް ފްލެޓް ލިސްޓުގެ ވެރިފިކޭޝަން މަސައްކަތް މިދަނީކުރަމުން: ވަޒީރު ޑރ.މުއްޠަލިބް

4000 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓު ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

14 ޖެނުއަރީ 2025، 03:59

14 ޖެނުއަރީ 2025، 03:59

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ފޯމު ހުށައެޅި ފަރާތްތަކުގެ ވަނަވަރު އިތުރަށް އޮޅުންފިލުވަން މަސައްކަތްކުރުމުގެ ބަދަލުގައި، އެފަރާތްތަކުން ހުށައަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޡަލިބު ވިދާޅުވެއްޖެއެވެ. 

މިގޮތަށް ޢަމަލުކުރަން ނިންމެވީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތައް ހުރުމާއެކު ފްލެޓް ލިސްޓު ވީހާވެސް އަވަހަށް އާންމުކުރުމަށްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދުފުޅާއެކު އަންނަ ރަމަޟާން މަހުގެ ކުރިއަށް ލިސްޓު ޢާއްމުކުރުމުގެ މަސައްކަތް ކުރަމުންދާނަން.  

ނިމިދިޔަ ދައުރުގެ ތެރޭގައި ޢިއުލާންކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

 ފްލެޓަށް އެދި ހުށައަޅައި، ފޯމުލައިފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓްކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023ގައި ގެޒެޓްކުރެވިފައިވާ ލިސްޓުގެ ހުށައަޅާފައވާ ފަރާތްތަކުގެ  ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ، ވީހާވެސް އަވަހަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ނިންމުމަށެވެ. 

މިވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދާއިރު ބަލާނީ 26 ޖޫން 2022ގައި ގެޒެޓްކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރާ އުސޫލުގެ ދަށުން އަދި ފޯމު ހުށައެޅުމަށް އެކުލަވާލާފައިވާ، ގެދޮރުވެރިން ޕޯޓަލްގައި އިރުޝާދު ދީފައިވާ ގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގައި އުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރުމަށްޓަކައި ގެދޮރުވެރިޔާ ޕޯޓަލްއަށް ހުށައަޅާފައިވާ ލިޔުންތަކުގެ ސާބިތުކަން، މި އިވަލުއޭޝަންގެ ތެރެއިން ކަށަވަރުކުރެވިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ހުށައެޅުމުން ބަލައިގަންނާނެކަމަށް ބުނެފައިވާ ޙާއްސަ 6 ބާވަތެއްގެ ލިޔުން ހުރި ނަމަވެސް، މި ލިޔުންތަކުގެ އިތުރުން އެހެން ބާވަތްތަކުގެ ލިޔުންތައް ވެސް ޕޯޓަލްއަށް ހުށައަޅާފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މާލެގައި 15 އަހަރު ދިރިއުޅެފައި ވީނަމަވެސް، އެއްވެސް މެދުކެނޑުމެއް، ފަނަރަ އަހަރު ވުމުގެ ކުރިން އައިސްފައި ވާނަމަ، އެއީ ފްލޭޓު ލިބޭ ޙައްޤުވެރިންގެ ޙައްޤަށް ލިބޭ އުނިކަމެއް ލިބޭ ކަމެއް ކަމަށްވާތީ، އެކި ސަބަބުތަކާ ހުރެ ނަމަވެސް، އަހަރަކަށް ވުރެ ދިގު މުއްދަތަކަށް މާލެއިން ބޭރުގައި އުޅެފައިވާނަމަ އެއީ މެދުކެނޑުމެއްކަމަށް ބެލެވޭނެކަން ވެސް ވަޒިރު ފާހަގަކުރަށްވާފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދުކޮށްފައިވާ ފްލެޓުތަކުގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރާތާ 1 އަހަރު ދުވަސް ވިއިރު ވެސް، މި މައްސަލަ ދިގުލަމުން ދިޔުމަކީ، ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިފައިވާކަމަކަށް ވާތީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco