Ads by Exprox

ޚަބަރު

ޞައްޙަ ނޫން ފޯމުތަކުގެ މައްސަލަ ޕީއެންސީން ވެސް ބަލަނީ!

ޞައްޙަ ނޫން ފޯމުތަކުގެ މައްސަލަ ޕީއެންސީން ވެސް ބަލަނީ!

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ފޮޓޯ: ޕީއެސްއެމް ނިއުސް

14 ޖެނުއަރީ 2025، 05:14

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް މެންބަރުން ވެއްދުމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ ޞައްޙަ ނޫން ފޯމުތަކެއްގެ މައްސަލަ އެ ޕާޓީން ވެސް ބަލަމުންދާކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ނުސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވައިލެވިގެން ޕާޓީގެ އެކްޓިވިސްޓުންނާ، އެހެނިހެން ސަޕޯޓަރުންނާއެކު ހިންގި "މެންބާރޝިޕް ޑްރައިވް" ގައި ޕާޓީއަށް ހާހުން ހާހުން ފޯމް ހުށައަޅާފައި ވާއިރު، އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުގެ ތެރޭގައި، މަދުން ނަމަވެސް ބާތިލު ފޯމު އެ ޕާޓީއަށް ހޯދިފައިވާކަމެވެ. 

"މެންބާރޝިޕް ޑްރައިވް" އަކީ ރާއްޖެގައި މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމު ހުށަހެޅުނު އެއް ހަރަކާތްކަމަށް އެ ޕާޓީއިން މަޢުލޫމާތު ދީފައިވެއެވެ. ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް ހުށައަޅަމުން ދިޔަ ނަމަވެސް، ފޯމުގެ ސައްޙަކަން ކަށަވަރުކުރުމުގެ ޤާބިލުކަން އެ ޕާޓީއަށް ލިބިފައި ނުވާކަމަށް އެ ޕާޓީއިން މަޢުލުމާތުދެއެވެ. ފޯމެއްގެ ސައްހަކަމާމެދު ޝައްކުއުފެދޭ މަރުހަލާއަކީ އިލެކްޝަންސް ކޮމިޝަނަށް އެ ފޯމު ހުށައަޅާ މަރުހަލާކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެއެވެ. ހަމައެހެންމެ، ވާދަވެރި ސިޔާސީ މާޙައުލެއް ރާއްޖޭގައި ވުޖޫދުކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ވެސް ރާއްޖޭގައި ވަޞީލަތްތައް ހުރިގޮތުން، މިކަމަކީ އެ ޕާޓީއަށް އެކަނިއޮތް ގޮންޖެހުމެއް ނޫންކަމަށްވެސް ޕީއެންސީން ބުނެއެވެ.

ފުލުހުންނަށާއި، އިލެކްޝަންސް ކޮމިޝަނަށް، ސައްޙަނޫން ފޯމުތަކެއް، ޕީއެންސީގެ ނަމުގައި ހުށައަޅާފައި ހުރިކަމުގެ މަޢުލޫމާތު، އެފަރާތްތަކުން ޕިއެންސިއަށް ފޮރުކޮށްދީފައި ވާކަމަށާއި، އެ ދެ މުއައްސަސާއިން މި މައްސަލަ ބަލަމުން ގެންދާކަމަށް ޕީއެންސީއިން ހާމަކުރެއެވެ. އަދި އެ ޕާޓީގެ ފަރާތުން ވެސް މިފަދަ ފޯމުތައް ހުށަހެޅިފައިވާގޮތް ބަލަމުންދާކަމަށާއި، ކޮންގްރެސް ޕާޓީގެ ފަރާތުން އެ ދެ މުއައްސަސާއަށް މިކަން ބެލުމުގައި ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެކަމަށް ޕީއެންސީން ބުނެއެވެ.

ސައްޙަ ނޫންގޮތެއްގައި ރައްޔިތުން މި ޕާޓީގައި ނަންނޯޓުކުރުވުމަކި ރައްޔިތުންގެ ޙައްޤަކަށް އަރައިގަތުން ކަމަށާއި، އެފަދަ އެއްވެސް ޢަމަލަކަށް ރައީސުލްޖުމްހޫރިއްޔާ ވެސް، އަދި ޕާޓީގެ ލީޑާރޝިޕްގެ އެއްވެސް މެންބަރަކު ވެސް ތަރުޙީބު ނުދެއްވާނެކަމަށް އެ ޕާޓީއިން މަޢުލޫމާތުދެއެވެ. އެހެންކަމުން ޞައްޙަ ނޫން ފޯމެއް މެދުވެރިކޮށް ކޮންގްރެސް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީގެ ރަސްމީ އީ-މެއިލް [email protected] އަށް މެއިލް ކުރުމުން، އެފަދަ މައްސަލަތަކަށް އަވަސް ޙައްލެއް ގެނެސްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން ޕީއެންސީން ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco