Ads by Exprox

ޚަބަރު

ހުނަރު ތަރައްޤީކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން "އެމްޕަވަރމަންޓް ހަބް" އެއް އަޅަނީ

ހުނަރު ތަރައްޤީކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން  "އެމްޕަވަރމަންޓް ހަބް" އެއް އަޅަނީ

"އެމްޕަވާރމެންޓް ހަބް" ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

14 ޖެނުއަރީ 2025، 07:03

ޝާމިލްކުރަނިވި އުފާވެރި މާޙައުލެއްގައި ތަމްރިނާއި ހުނަރު ދަސްކޮށްދީ، ތަރައްޤީކުރުމުގެ ފުރުސަތު ހޯދާދިނުމަށް "އެމްޕަވާރމެންޓް ހަބް" ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މީ މުޅިން އަލަށް ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތެކެވެ. 

އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓާރ އަޙްމަދު އާތިފެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.

"'އެމްޕަވަރމަންޓް ހަބް" ގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ 40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. ސްކޫލު މަރުހަލާ ފުރިހަމަކުރުމަށް ފަހު، މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެނުންތައް ދެނެގަނެ، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދި، ހުނަރުތައް ތަރައްޤީކޮށްދީ، އިޖުތިމާޢި މިނިވަންކަން ހޯދައިދިނުމަކީ މި މަޝްރޫޢުގެ މައިގަނޑު އަމާޒުކަމަށް، އިޖުތިމާޢީ އަދި  ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

 މިނިވަންކަމާއެކީ، އެފަރާތްތަކަށް މާނަފުންގޮތެއްގައި، މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން، ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހިމެނޭ މާޙައުލެއްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޢިލްމާއި ހުނަރު ދަސްކޮށްދިނުމުގެ ފުރުސަތުތައް ހުޅުވާލަދިނުމަކީ މި ހަބްގެ މައިގަނޑު ބޭނުމެވެ. 

މި ހަބްގައި، ބައިވެރިންގެ ޝަޢުޤުވެރިކަން ހުރި ދާއިރާތަކާ ގުޅުންހުރި ވަރކްޝޮޕްތައް ބެއްވުމަށް 3 ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން ހަބްގައި އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމެއް ހުންނާނެކަމަށް ވެސް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. މި ހަބް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްސަ ސަމާލުކަމެއްދިގެންނެވެ. 

ކުރިއަށް އޮތްތަނުގައި މި މަޝްރޫޢާ ބެހޭ މަޝްވަރާއާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންދެވޭނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco