Ads by Exprox

ޚަބަރު

ސްޓެލްކޯގެ ޓްރާންސްފޯމަރު ވަގު ހުއްޓުވި މުވައްޒަފަށް "މެޑަލް އޮފް ބްރޭވަރީ" އަރުވައިފި

ސްޓެލްކޯގެ ޓްރާންސްފޯމަރު ވަގު ހުއްޓުވި މުވައްޒަފަށް "މެޑަލް އޮފް ބްރޭވަރީ" އަރުވައިފި

ސްޓެލްކޯގައި މެޑަލް އޮފް ބްރޭވަރީ އެރުވުމަށް ބޭއްވުނު ހަފްލާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖެނުއަރީ 2025، 05:16

15 ޖެނުއަރީ 2025، 05:16

ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކުރި މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" އަރުވައިފިއެވެ. މި ހާދިސާގައި އެ މުވައްޒަފުގެ މޫނަށް އަނިޔާތަކެއް ވެފައިވާކަން ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، މި ހާދިސާ ހުއްޓުވުމަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް "މެޑަލް އޮފް ބްރޭވަރީ" އަރުވާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ހަރަކާތްތެރިވި އަނެއް މުވައްޒަފަށް ހަނދާނީ ލިޔުމެއް އަރުވާފައިވާ ކަމަށްވެސް ބުންޏެވެ.

"އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާސްއާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގެ ޔަޤީންކަންވެސް އަރުވާފައިވެއެވެ.

މީގެ ކުރިންވެސް ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ފެންމަތިވެފައިވެއެވެ. މީގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ނިޔާވި ހާދިސާއެއްވެސް ހިމެނެއެވެ.

ސްޓެލްކޯއިން ކުރިން ވަނީ ޓްރާންސްފޯމަރުތައް ވައްކަންކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ކަރަންޓު ކޭބަލްތައް ބުރިކޮށް ވިއްކާ މައްސަލަވެސް ކުރިން ވަނީ ބޮޑުވެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco