ކުޅިވަރު
ލީގުގެ މެދުތެރޭގައި އޮތް ބޮލޯނާ މެޗުން އެއްވަރުވެ އިންޓަ މިލާނަށް މުހިންމު ޕޮއިންޓުތަކެއް ގެއްލިއްޖެ

ލިސާންޑްރޯ މާޓިނޭޒް ބޯޅަ ހިފައިގެން ދަނީ، ފޮޓޯ: ގެޓީ އިމޭޖަސް

ފަރުދުން
16 ޖެނުއަރީ 2025، 04:41
16 ޖެނުއަރީ 2025، 04:41
ހުލާސާ
އިންޓަ މިލާނަށް މިހާރު ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީއާ އެއް ޕޮއިންޓު ކައިރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައި.
އިޓާލިއަން ސީރި-އާގެ މެދުތެރޭގައި އޮތް ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމާ ގުޅިގެން، އިންޓަ މިލާނަށް މުހިންމު ޕޮއިންޓުތަކެއް ގެއްލިއްޖެއެވެ.
އެހެންކަމުން، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް މިހާރު ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީއާ އެއް ޕޮއިންޓު ކައިރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. އަދި އިންޓަ މިލާނަށް އެއް މެޗުގެ އެޑްވާންޓޭޖެއް އޮތަސް، ނަޕޯލީއާ މެޗުގެ އަދަދު ހަމަހަމަވުމަށް ކުޅޭ މެޗު ކާމިޔާބުކުރި ނަމަވެސް، ދެ ޓީމު ޕޮއިންޓުގެ ގޮތުން ވާނީ ހަމަހަމައެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ ބޮލޯނާއިންނެވެ. ސެންތިއާގޯ ކާސްޓްރޯގެ ގޯލަކުން މެޗުގެ 15ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނަގާފައިވަނިކޮށް، އޭގެ ހަތަރު މިނެޓު ފަހުން ޑެންޒެލް ޑަމްފްރީޒް ވަނީ އިންޓަ މިލާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެކުރިން، މެޗު ކޮންޓްރޯލް ކުރަމުން ދިޔަ އިންޓަ މިލާނުން ލީޑު ނެގިއެވެ. ލިސާންޑްރޯ މާޓިނޭޒްގެ ގޯލަކުން އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.
ނަމަވެސް، ދެވަނަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކޮށް ބޮލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ޑިފެންޑަރ، އެމިލް ހޯމްސް 64ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލުންނެވެ.
އޭގެ ފަހުން އަނެއްކާ ވެސް ލީޑު ނެގުމަށް އިންޓަ މިލާނުން މަސައްކަތް ކުރިއެވެ. ނަމެވެސް އެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުނީއެވެ.