ޚަބަރު
ޢައްޒާގެ ހަނގުރާމަ ހުއްޓަލުމާއެކު ޔަހޫދީންގެ މިނިސްޓަރެއް ރުޅިގަދަވެ ވަޒީރުންގެ މަޖިލީހުންވަކިވާނެކަމުގެ އިންޒާރުދީފި

ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރ ބެން-ގުވީރު ފޮޓޯ:އަލްޖަޒީރާ
ގާޒާގައި 460 ދުވަހަށްވުރެ ގިނަ ދުވަހު ހިނގަމުންދިޔަ ހަނގުރާމައަށް ހުއްޓުމެއް ގެނައުމަށް ހަމާސް އާއެކު އެއްބަސްވުމެއް ވެވޭނަމަ، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރ ބެން-ގުވީރު ވަޒީރުންގެ މަޖިލީހުން ވަކިވެވަޑައިގަންނަވާނެ ކަމަށް އިންޒާރު ދެއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބެން-ގުވީރު ވިދާޅުވީ، މި އެއްބަސްވުން ތަންފީޒުކޮށްފިނަމަ އޭނާގެ ޕާޓީ ކަމަށްވާ އޮޓްޒްމާ ޔެހޫދިތް (ޖުވިޝް ޕަވަރ ޕާޓީ) ސަރުކާރުން ވަކިވާނެ ކަމަށެވެ. އަދި ގާޒާއަށް އިންސާނީ އެހީއާއި ތެޔޮ، ކަރަންޓު އަދި ފެން "މުޅިން ހުއްޓާލަން" ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ބެން-ގުވީރުގެ އިތުރުން، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތްފަރާތުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްވެސް ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހައްދަވައެވެ. މި ދެ ޕާޓީ ސަރުކާރުން ވަކިވެއްޖެނަމަ، ނެތަންޔާހޫގެ ސަރުކާރަށް ކެނެސެޓްގައި އަޣުލަބިއްޔަތު ގެއްލޭނެއެވެ.
އެހެންނަމަވެސް، އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށްދާހާ ހިނދަކު ބޮޑުވަޒީރަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނެތަންޔާހޫގެ ލިކުޑް ޕާޓީން ބުނެފައިވަނީ މި އެއްބަސްވުމުން "ދިރިހުރި ރަހީނުންގެ އަދަދު އިތުރުކޮށް" އަދި "އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ޖީލުތަކަކަށް ކަށަވަރުކޮށްދޭނެ" ކަމަށެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ގާޒާގައި މަރާލާފައިވަނީ މަދުވެގެން 46,788 މީހުންނެވެ. އަދި ގާޒާގައި ނަސްލެއް ފޮހެލުމުގެ ކުށް ކުރަމުންދާ ކަމަށް ބުނެ ސައުތު އެފްރިކާއިން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި މައްސަލަ އުފުލާފައެވެ.
އެމެރިކާ، މިސްރު އަދި ޤަތަރުން މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ ހޯދާފައެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ހިނގާނީ 6 ހަފްތާއަށެވެ. ދެވަނަ އަދި ތިންވަނަ މަރުހަލާގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. ނަމަވެސް އިސްރާއީލުން ހަނގުރާމަ އަލުން ފެށުމުގެ ފުރުސަތު އެބައޮތެވެ.