ދުނިޔެ
ކެލިފޯޯނިއާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ލިތިއަމް ބެޓްރީ ރައްކާކުރާ ކާރުހާނާގައި ރޯވެ އަނދަނީ

ކެލިފޯޯނިއާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ލިތިއަމް ބެޓްރީ ރައްކާކުރާ ކާރުހާނާގައި ރޯވެ އަނދަނީ
އެމެރިކާގެ ސެންޓްރަލް ކެލިފޯނިއާގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ބެޓެރީ ޕްލާންޓުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މޮންޓެރޭ ކައުންޓީގެ އޮފިޝަލުން ވަނީ އެ ސަރަހައްދު އެވެކުއޭޓްކުރުމުގެ އަމުރެއް ނެރެފައެވެ. މި ހާދިސާ ހިނގާފައިވަނީ މޮސް ލޭންޑިންގ ޕަވަރ ޕްލާންޓުގައި ހުރި ވިސްޓްރާގެ ބެޓެރީ ފެސިލިޓީގައެވެ.
ވިސްޓްރާ އެނަރޖީގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު އެ ކުންފުނީގެ ބެޓެރީ ފެސިލިޓީތަކުގެ ތެރެއިން އެއް ފެސިލިޓީއެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި، އެ ސަރަހައްދުގައި ތިބި މުވައްޒަފުން އެވެކުއޭޓްކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވި ސަބަބު އަދި ވަނީ ދެނެގަނެވިފައެއް ނޫން. އެހެންނަމަވެސް އަލިފާން ނިއްވުމަށްފަހު އެކަމުގެ ތަހުގީގެއް ފެށޭނެ
ވިސްޓްރާގެ ތަރުޖަމާނު ޖެނީ ލަޔޯން
މޮންޓެރޭ ކައުންޓީގެ ޝެރިފް އޮފީހުން ވަނީ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް "އިތުރު ރައްކާތެރިކަމުގެ ގޮތުން" ކުޑަދޮރުތައް ބަންދުކުރުމަށް އިރުޝާދު ދީފައެވެ. އަދި ކެލިފޯނިއާ ހައިވޭ ޕެޓްރޯލްއިން ވަނީ ޕްލާންޓް ވަށައިގެންވާ ހައިވޭ 1 ބަންދުކޮށްފައެވެ.
ޓެކްސާސްގައި މައި އޮފީސް ހުންނަ ވިސްޓްރާއިން މި އެނަރޖީ ސްޓޯރޭޖް ފެސިލިޓީގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ނިންމާފައިވަނީ 2023 ވަނަ އަހަރުއެވެ. މިއީ ކެލިފޯނިއާގެ ހަކަތައިގެ ވިއުގަ ސާފު ހަކަތައިން ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގާފައިވާ މަޝްރޫއެކެވެ. މި ފެސިލިޓީގައި 750 މެގަވޮޓް ރައްކާކުރެވޭނެއެވެ. މިއީ ގާތްގަނޑަކަށް 562،000 ގެއަށް 4 ގަޑިއިރަށް ބޭނުންވާ މިންވަރުގެ ކަރަންޓެވެ.
2021 ވަނަ އަހަރު ވިސްޓްރާގެ މޮސް ލޭންޑިންގ ބެޓެރީ ކޮމްޕްލެކްސްގައި ހީޓް ޑިޓެކްޓަރެއް މަސައްކަތް ނުކުރުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވެއެވެ. އަދި 2022 ވަނަ އަހަރު ޕެސިފިކް ގޭސް އެންޑް އިލެކްޓްރިކްގެ މިލްކިއްޔާތުގައިވާ އަދި ޓެސްލާއިން ސަޕްލައިކޮށްފައިވާ ޖެހިގެން ހުރި ބެޓެރީ ޕްލާންޓެއްގައިވެސް ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.