ޚަބަރު
"އޮޕަރޭޝަން ކުރަންގި"ގެ ބޮޑު ހަރަކާތެއް މާލޭސަރަޙައްދުގައި ކުރިޔަށްދަނީ
"އޮޕަރޭޝަން ކުރަނގި" ގައި ބިދޭސީއެއްގެ ބަޔޮމެޓްރިކްސް މަޢުލޫމާތު ނަގަނީ، ފޮޓޯ: މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ
ހުލާސާ
މި ހަރަކާތުގެ އިތުރު ބައެއްގެ ގޮތުގައި، ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ މަސައްކަތް އެންޓި-ޓިޕް އޮފީހުގެ ފަރާތުން ކުރިޔަށްގެންދޭ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ބޮޑު ހަރަކާތެއް މިއަދު މާލޭ ސަރަޙައްދުގައި ކުރިޔަށް އެބަގެންދެއެވެ.
ރާއްޖޭގެ އިމިގްރޭޝަނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއއްޔަތު މަތިކޮށްފައި އޮންނަ ހޯމް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަރަކާތް ކުރިޔަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00އާ ހިސާބަށެވެ.
މިނިސްޓްރީ އިން މިއަދު ކުރިޔަށް ގެންދާ ހަރަކާތުގައި 75 އޮފިޝަލަކު ހަރަކާތްތެރިވަމުން އަންނައިރު، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން، ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ މި ހަރަކާތް، މާލޭ ސަރަޙައްދުގެ އިތުރުން، ތިލަފުއްޓާއި ގުޅީފަޅުގައި ވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
މި ހަރަކާތުގެ އިތުރު ބައެއްގެ ގޮތުގައި، ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ މަސައްކަތް އެންޓި-ޓިޕް އޮފީހުގެ ފަރާތުން ކުރިޔަށްގެންދާކަމަށް ވެސް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު މި އޮޕަރޭޝަން ފަށާފައިވާއިރު، މިހާތަނަށް 18،000 އަށް ވުރެން ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކޮށްފައިވާކަމަށް މިނިސްޓްރީ އިން ވަނީ ކުރިން ބުނެފައެވެ. އަދި މިހާތަނަށް އަތޮޅު ތެރޭގެ 55 ރަށެއްގައި މި މަސައްކަތް ނިންމާފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މި މަސައްކަތް ރަށްރަށުގައި ކުރިޔަށް ގެންދަނީ، އެ ރަށްރަށުގެ ކައުންސިލްތަކުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގޭނެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އަދި އެ މަޢުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
"އޮޕަރޭޝަން ކުރަނގި"އަކީ މަރުހަލާތަކަކަށް ބަހާލައިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަޤުސަދުގައި ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށްފަހު، ޤަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެ ތެރެއިން ޤަވާއިދަށް ފެތެން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ދޭނެކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 5،000 ބިދޭސީއަކު މިދިޔަ އަހަރު އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުން ހިމެނެއެވެ.