ދުނިޔެ
ނިދާފަތިއްބާ ބޮމެއް ވައްޓާލަފާނެކަމުގެ ބިރެއްނެތި، ޣައްޒާގެ ރައްޔިތުންނަށް ހަމަހިމޭން ރޭގަނޑެއް ލިބިއްޖެ
ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން އުފާފާޅުކުރަނީ، ފޮޓޯ: އޭއެފްޕީ
ހުލާސާ
އިއްޔެ ވަނީ ފަލަސްތީނުގެ 90 މީހަކު އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްފައި.
ނިދާފަތިއްބާ ގޭތެރެއަށް ނުވަތަ ޓެންޓުގެ ތެރެއަށް ބޮމެއް ވައްޓާލަފާނެކަމުގެ ބިރެއްނެތި، ގިނަ ދުވަސްތަކަކަށްފަހު ޣައްޒާގެ ރައްޔިތުންނަ ހަމަހިމޭން ރޭގަނޑެއް ވޭތުކުރެވިއްޖެއެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭންފެށިފަހުން، އިއްޔެއިން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ހަމައަށް، އެމީހުން ނިދިން މަޙްރޫމްކޮށްލީ ބޮމުގެ ގަދަ އަޑާއި، އެއަށްފަހު އަސަރުގަދަ ރުއިމުގެ އަޑެވެ. އިންޒާރަކާނުލާ ދެމުންދިޔަ ހަމަލާތަކާ ގުޅިގެން، ނިދާފަތިއްބާ އެތައް ބަޔަކުވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް ހަމާސްއިން ބޯލަނބަމުން ނުދާކަމަށް ބުނެ، އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން އިޒްރޭލުން ލަސްކުރިއެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވީ، ލަސްވުމަކަށްފަހު ވިޔަސް، އެއްބަސްވުން ތަންފީޒުކުރަން ފެށި ހިސާބުންނެވެ.
އެ ވަގުތުން ފެށިގެން، ގިނަބަޔަކު ވަނީ އެމީހުން ދިރިއުޅެމުން ދިޔަ ޓެންޓުތައް ދޫކޮށް، އެމީހުންގެ ގޭގެ ހާލަތު ބަލާލުމަށް ބިރެއް ނެތި ހެލިފެލިވެފައެވެ. އެމީހުންގެ ދިރިއުޅުމުގެ ހަނދާންތަކުގެ ނިޝާނެއް ހުރިތޯ ބަލާލުމަށް އަވަސްވެގަނެވުނީ މިނިވަންކަމުގެ ފިޔަވަޅުތަކަކާއެކުއެވެ.
ނަމަވެސް، އެ ހަނދާންތައް ހޯދުމަށް ދިޔަ ގިނަ ބައެއްގެ ލޮލުން ފުން އަސަރުތަކަކާއެކު ފާއްދާލަން ޖެހުނީ ހިތި ކަރުނައެވެ. މުޅި ޣައްޒާ އޮތީ ސުންނާފަތިކޮށްފައެވެ. ފަނަރަ މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ހަނގުރާމައިގައި ބިނާރުތައް ބިމާ ހަމަވެ، ބައެއް މަގުތައްވެސް އޮތީ އިމާރާތްތައް ވެއްޓުމުގެ ސަބަބުން ވަކިކުރަން ނޭންގޭ ހާލަތުގައެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު އެއްބަސްވުމުގެ ދަށުން، އިއްޔެ ވަނީ ފަލަސްތީނުގެ 90 މީހަކު އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި "ޕޮޕިއުލަރ ފްރަންޓް ފޯރ ދަ ލިބަރޭޝަން އޮފް ފަލަސްތީން" (ޕީއެފްއެލްޕީ)ގެ ލީޑަރު ޚާލިދާ ޖައްރާރު ވެސް ހިމެނެއެވެ.