ދުނިޔެ
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 90 މީހަކު މިނިވަންކޮށްފި
އިޒްރޭލުން ދޫކޮށްލި ފަލަސްތީނުގެ އަންހެނަކު، އެމީހުން ވެސްޓް ބޭންކަށް ގެނައި ބަހުގެ ތެރޭގައި، ފޮޓޯ: ރޮއިޓާސް
ހުލާސާ
އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްފައި ވަނީ 69 އަންހެނަކާއި ފުރާވަރުގެ 21 ފިރިހެން ކުދިން.
މި ހަނގުރާމައިގައި ގާތްގަނޑަކަށް މުޅި ޣައްޒާގެ 2.3 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައި.
ޣައްޒާ ސުންނާފަތިކޮށްލުމަށް އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ދިޔަ ހަނގުރާމައިގެ ތެރެއިން އިޒްރޭލުގެ ޖަލުތަކުގައި ބަންދުކުރި ފަލަސްތީނުގެ 90 މީހަކު އާދީއްތަ ދުވަހު މިނިވަންކޮށްފިއެވެ. މީގެ އިތުރުން، ހަމާސް އައި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަސީރުންގެ ގޮތުގައި ބަންދުކޮށްފައި ތިބި އިޒްރޭލު ސިފައިންގެ 3 މީހަކު ވެސް ވަނީ ދޫކޮށްލާފައެވެ.
ފަނަރަ މަސްދުވަހަށްފަހު ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް އަނބުރާ ދިއުމުގެ ޙުއްދަ ވަނީ ލިބިފައެވެ. އަދި ބަނޑަށްޖެހިފައިވާ ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ޙުއްދަ ލިބުމާއެކު، އެހީގެ ޓްރަކުތައް ވަނީ ރަފާޙް ބޯޑަރު ހުރަސްކޮށް، ޣައްޒާއަށް ވަދެފައެވެ.
އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ ރައްޔިތުން ދަތުރުކުރި ބަސްތައް ވެސްޓް ބޭންކުގެ ރާމައްޟާއަށް އައިއިރު، އެމީހުންނަށް މަރުހަބާ ކިއުމަށް އެތައް ހާސް ބަޔަކު އެތަނަށް އެއްވެފައި ތިއްބެވެ. ރިޕޯޓުތައް ބުނާ ގޮތުން، އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްފައި ވަނީ 69 އަންހެނަކާއި ފުރާވަރުގެ 21 ފިރިހެން ކުދިންނެވެ. މި ކުދިން ހައްޔަރުކޮށްފައިވަނީ އިޒްރޭލު ސިފައިންނާ ދިމާލަށް ގާ އުކައިގެންކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިޒްރޭލުން ޣައްޒާގައި ކުރިޔަށްގެންދިޔަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ 47،000 އަށްވުރެން ގިނަ ބަޔަކު ވަނީ ޝަޙީދުވެފައެވެ. އަދި ގާތްގަނޑަކަށް މުޅި ޣައްޒާގެ 2.3 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް އިޒްރޭލާއި ހަމާސްއިން އެއްބަސްވެފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.
އެގޮތުން މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ހަ ހަފްތާއަށް ދެމިގެންދާއިރު، މި މުއްދަތުގައި ދެ ފަރާތުން ބަންދުކޮށްފައި ތިބި މީހުން ކޮންމެވެސް މިންވަރަކަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އަދި މި މުއްދަތުގައި ޣައްޒާގައި ތިބި އިޒްރޭލުގެ ބައެއް ހަނގުރާމަވެރިން ފަލަސްތީނުން ފައިބާނެކަމަށް ވެސް ވެއެވެ. އަދި މީގެ އިތުރުން، ކާބޯތަކެއްޗާއި އަސާސީ ކަންތައްތަކަށް އިންތިހާއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމުގެ ޙުއްދަ ވެސް، މި މަރުހަލާގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.
އަދި މި އެއްބަސްވުމުގެ ދެވަނަ އަދި ތިންވަނަ މަރުހަލާއާ ގުޅިގެން އެއްބަސްވާ ކަންކަމުގެ ތަފްސީލަށް ދެ ފަރާތުން ދާނީ ފުރަތަމަ މަރުހަލާގެ ތެރެއިންނެވެ. އިޒްރޭލުން ބުނެފައިވަނީ، ފުރަތަމަ މަރުހަލާގެ ކަންކަން ނުނިމެނީސް ދެންހުރި މަރުހަލާތަކުގެ ކަންކަމަށް ޔަޤީންކަން ނުދެވޭނެކަމަށެވެ.