Ads by Exprox

ޚަބަރު

މޯލްޑިވްސް މެރީން އެކްސްޕޯގެ ދިހަވަނަ އެޑިޝަން މި ޖަނަވަރީ މަހު ކުރިއަށް ދަނީ

މޯލްޑިވްސް މެރީން އެކްސްޕޯގެ ދިހަވަނަ އެޑިޝަން މި ޖަނަވަރީ މަހު ކުރިއަށް ދަނީ

ސެންޓްރަލް ޕާކުގައި މޯލްޑިވްސް މެރީން އެކްސްޕޯއެއްގެ ތެރެއިން/ ފޮޓޯ : ޕީއެސްއެމް

20 ޖެނުއަރީ 2025، 10:56

މޯލްޑިވްސް މެރިން އެކްސްޕޯގެ ޕާރޓްނަރުންނާއި، ސްޕޮންސަރުންނަށް، ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިމަހުގެ 19 ވަނަ ދުވަހު ބޭއްވުނު މި ރަސްމިއްޔާތުގެ ތެރެއިން، އިތުބާރުހިފޭ ގިނަ ސްޕޮންސަރުންތަކަކާއި، ޕާރޓްނަރުންތަކެއް ލިބިގެން ދިޔަކަމާއި، މި ރަސްމިއްޔާތު ވެގެން ދިޔައީ އެކްސްޕޯއަށް ލިބުނު ތަފާތު ކުރިއެރުމަކަށްކަން ވެސް ފާހަގަކޮށްލެވެއެވެ. 

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ރާވާ ހިނގާ، މި އިވެންޓަކީ، ގިނަބަޔެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަފާތު އިވެންޓެކެވެ. ޖަނަވަރީ 19 ވަނަ ދުވަހު ބޭއްވިގެން ދިޔަ މި އިވެންޓުގެ ތެރޭގައި، ތަފާތު ވައްތަރުގެ ކަނޑު ދަތުރުފަތުރު ކުރާ އުޅަންދުތައް ދައްކާލުމާއި، އެ އުޅަނދުތަކާ ގުޅުން ހުރި މަޢުލޫމާތު، ގަންނަން ބޭނުންވާ ފަރާތްތަކާ ހިއްސާކުރުން ކުރިއަށް ދިޔައެވެ. ހަމައެހެންމެ، މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ދޯނި ބިނާކޮށް ފަރުމާކުރުމާއި، ތަފާތު މެޝިނަރީއާއި، މަސްވެރިކަމުގައި ބޭނުންކުރެވޭ ތަފާތު ޒަމާނީ ޢާލާތްތަކާއި، ޑާއިވިންނާއި، ވޯޓާރ ސްޕޯރޓްސް އިކުއިޕްމެންޓާއި، އަދިވެސް ގިނަ ބާވަތްތަކެއްގެ މެރީން އިކުއިޕްމެންޓް ހިމަނާފައިވެއެވެ. 

މި އިވެންޓް ހިންގުމުގައި، ގިނަ ފަރާތްތަކެއްގެ ޕާރޓްނާރޝިޕް އެންބީއޭއެމްއަށް ލިބިފައިވެއެވެ. މިގޮތުން އުރީދޫ މޯލްޑިވްސް، އެންޓީވީ، ދަ އައިލެންޑް ޝެފް، ގޭޖް ސެކިއުރިޓީސް، އަސަރީ ސާރވިސް، މޯލްޑިވްސް މޮމެންޓްސް، ޝޮޓްސް، ފިޝްޕީޕަލް ފަދަ އެތައް ކުންފުނިތަކަކުން މި އިވެންޓް ހިންގުމުގެ އެކި މަރުޙަލާތަކުގައި އެންބީއޭއެމްއަށް އެހީ ފޯރުކޮށްދީފައިވެއެވެ. 

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި މި އެކްސްޕޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯއަކީ، މިފަދަ އުޅަނދުފަހަރާއި، ޢާލާތްތައް ވިއްކަން ބޭނުންވާ ފަރާތްތަކާއި، ގަންނަން ބޭނުންވާ ފަރާތްތައް ގުޅުވާލަދޭ މުހިންމު މާރކެޓެކެވެ.

މި އެކްސްޕޯއަކީ، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މެރީން އެކްސްޕޯގެ އިތުރުން، މެދުކެނޑުމެއް ނެތި 10 އަހަރު، ހިންގައިފައިވުމުގެ ސަބަބުން މީހުންގެ މަޤުބޫލުކަން ހޯދައިފައިވާ އެކްސްޕޯއެއް ވެސް މެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco