ޚަބަރު
ސަޢުދީން ހަދިޔާ ކުރި ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި
ސަޢުދީއިން ހަދިޔާކުރި ކަދުރު ބެހުމުގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ސަޢުދީއިން ރާއްޖެއަށް ހަދިޔާކުރައްވާފައިވާ ކަދުރު ބެހުމުގެ މަސައްކަތް ފެށިއްޖެއެވެ. 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ސިޓީތަކާއި އަތޮޅުތެރޭގެ ރައްރަށުގައި ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބީސީތަކުން ކަދުރު ބަލައި ޙާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އެ ވުޒާރާއިން ވިދާޅުވާގޮތުގައި މިހާރު ސަޢުދީއިން ދީފައި ހުރި ކަދުރުން، ކޮންމެ 4 ގޭބިސީއަކުން 1 ގޭބިސީއަކަށް ކަދުރު ޕެކެޓެއް ލިބޭނެއެވެ.
މިއަދުން ފެށިގެން އަންނަމަހުގެ ހަޔަކާ ހަމައަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މާލެ ސިޓީގައި މި މަސައްކަތް ކުރިއަށް ދާނި ހެނދުނު 9:30 އިން 13:00 އާ ހަމައަށް ކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމަތު ދެއްވާފައިވެއެވެ.
މާލެއާއި، ހުލުމާލެއާއި، ވިލިމާލޭގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. ހަމައެހެންމެ، ރައްރަށުގައި ނުވަތަ އަތޮޅުތެރޭގައި ކަދުރުބެހުން ކުރިއަށް ދާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އާންމުންގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވެސް ކަދުރު ދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެ ވުޒާރާގައި ނަން ނޯޓުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.