ދުނިޔެ
އެމެރިކާގެ 47ވަނަ ރައީސްގެ މަޤާމަށް ޑޮނަލްޑް ޓްރަމްޕް ހުވާކުރައްވައިފި

ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުން، ފޮޓޯ: ގެޓީ
ހުލާސާ
ފިނިގަދަވެ ވައިގަދަވުމުގެ ސަބަބުން ރަސްމިއްޔާތު ބާއްވާފައި ވަނީ ކެޕިޓޮލް ރޮޓަންޑާގައި.
ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމަށް ހުވާކުރެއްވި އެންމެ ދުވަސްވީ ބޭފުޅާ.
އެމެރިކާގެ 47ވަނަ ރައީސްގެ މަޤާމަށް ހުވާކުރައްވައި، ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ރައީސެއްގެ ގޮތުގައި ވައިޓް ހައުސްއަށް ވަޑައިގެންފިއެވެ. އާންމު ގޮތެއްގައި ސަގާފަތެއްގެ ގޮތުން ބޭރުވެށީގައި ބާއްވަމުން އަންނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތު، ފިނިގަދަވެ ވައިގަދަވުމުގެ ސަބަބުން މިފަހަރު ބާއްވާފައިވަނީ އެމެރިކާގެ ކެޕިޓޮލް ރޮޓަންޑާގައެވެ.
ޓްރަމްޕްއަށް ހުވާލާދެއްވީ އެމެރިކާގެ ޗީފް ޖަސްޓިސް، ޖޯން ރޮބާޓްސްއެވެ. މިއާއެކު އުމުރުން 78 އަހަރު ފުޅުގައި ޓްރަމްޕް ވެގެންގޮސްފައިމިވަނީ އެމެރިކާގެ ރައީސްކަމަށް ހުވާކުރެއްވި އެންމެ ދުވަސްވީ ބޭފުޅާއަށެވެ.
އަދި އުމުރުން 40 އަހަރުފުޅުގައި ޖޭޑީ ވެންސް ނައިބު ރައީސްކަމުގެ ހުވާކުރެއްވިއިރު، މިއީ މި މަޤާމުގެ ހުވާކުރެއްވި އެންމެ ހަގު ބޭފުޅާއެވެ. ވެންސްއަށް ހުވާލާދެއްވީ އެސޯސިއޭޓް ޖަސްޓިސް، ބްރެޓް ކަވަނޯއެވެ.
ހުވާކުރެއްވުމަށްފަހު އިފްތިތާހީ ޚިޠާބުގައި ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާގެ "ރަންޒަމާނެއް"ގެ ފެށުން ކަމަށާއި، މި ދައުރުގައި އެ ޤައުމުގެ އިސްތިޤްލާލާއި، ސަލާމަތާއި، އިންސާފަށް ޙާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ.
މި ދައުރުގައި އިސްކަންދެއްވާނެ ކަންކަމަށް އަލިއަޅުވާލައްވައި ޓްރަމްޕް ވިދާޅުވީ، ބޯޑަރުގެ ސަލާމަތީ ރައްކާތެރިކަމާއި، ވާދަވެރި ޤައުމުތަކާ ދެކޮޅަށް ނެގޭ ޑިއުޓީތަކާއި ޓެކްސްތައް ބޮޑުކުރުމާއި އަދި އެ ޤައުމުގައި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް އިސްކަން ދެއްވާނެކަމަށެވެ.
ޓަރަމްޕްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، މިހާރު ދުނިޔޭގައި ތިއްބެވި، ކުރިން އެމެރިކާގެ ވެރިކަންކޮށްފައިވާ ހުރިހާ ރައީސުންނާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭބޭފުޅުން ވަނީ ވަޑައިގެންފައެވެ. އޭގެ ތެރޭގައި އެލަން މަސްކް، ޖެފް ބޭޒޯސް، މާކް ޒުކަބާރގް އަދި ބޮރިސް ޖޯންސަންފަދަ ބޭބޭފުޅުން ފާހަގަކޮށްލެވެއެވެ.
ކަމާލާ ހެރިސްއާ ދެކޮޅަށް ވާދަކުރައްވައި ޓްރަމްޕް ހޯއްދެވި ކާމިޔާބާއެކީ، ޓްރަމްޕްއަކީ މެދުކެނޑުމަކަށްފަހު އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި ދެވަނަ ރައީސްއެވެ. މީގެ ކުރިން، ގްރޯވާ ކްލީވްލޭންޑް ވަނީ އެމެރިކާގެ 22ވަނަ އަދި 24ވަނަ ރައީސްކަމަށް އިންތިޙާބުވެފައެވެ.
މިއީ ޓްރަމްޕްގެ ދެވަނަ ދައުރުކަމުން، 2028ގައި އޮންނަ އިންތިހާބުގައި ދެން ޓްރަމްޕަށް ވާދަނުކުރެއްވޭނެއެވެ.