Ads by Exprox

ޚަބަރު

ގެއްލުނު ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް އަށް ވަނީ އެދިފަ: ފުލުހުން

ގެއްލުނު ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް އަށް ވަނީ އެދިފަ: ފުލުހުން

ދަތުރުގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ތަސްލީމް. ފޮޓޯ:ސޯޝަލް މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2024، 04:13

14 ސެޕްޓެމްބަރު 2024، 04:13

މާލެ ކައިރި ފިނޮޅަކަށް ދަތުރުގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ކ.މާލެ އަސަރީހަނދާން، ތަސްލީމް އަޙްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް އަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

މިކަމާއި ގުޅިގެން ފުލުހުންނބުނެފައިވަނީ ތަސްލީމް ގެއްލުނު ކަމުގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވަނީ އޮގަސްޓް 30 ގައި ކަމަށާއި، އެރިޕޯޓާ އެކު ފުލުހުން ތަސްލީމް ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ. 

މީގެއިތުރުން ފުލުހުން ބުނެފައިވަނީ ތަސްލީމް ހޯދުމަށް އޭނާ ދަތުރުގޮސްގެން އުޅުނު ފިނޮޅު ބަލައި ފާސްކުރުމުގެ މަސައްކަތާއި، މެރިން ޕޮލިސް އާއި އެމްއެންޑީއެފްގެ ކޯސްޓު ގާޑަށް މައުލޫމާތު ޚިއްސާކޮށްފައިވާކަމަށެވެ.

އަދި ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިންގް ޓީމް އެފަސްގަނޑު ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލައި ފާސްކޮށްފައި ކަމަށެވެ. ހަމަމިއާއިއެކު އެމްއެންޑީއެފްގެ ޑައިވިންގް ޓީމް 31 އޮގަސްޓުން ސެޕްޓެމްބަރ 1 ދުވަހާއި ހަމައަށް 943،998 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. 

ފުލުހުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ތަހުޤީޤަށް އެނގިފައިވާ ގިނަ ކަންތައްތަކެއް ހިއްސާ ކޮށްފައިވެއެވެ. 

އެގޮތުން ތަސްލީމާއި ދަތުރުގެ ބައިވެރިން ދަތުރަށް ފުރައިފައިވަނީ 29 އޮގަސްޓު ގެ 17:00އާއި 17:30 އާއި ދެމެދުގެ ވަގުތެއްގައި މާލޭ ދެކުނުފަރާތުގެ ބަނދަރުން ކަމަށްބުނެފައިވެއެވެ.

އަދި މިދަތުރުގައި ތަސްލީމް ހިމެނޭހެން 25 މީހަކާއި ދެ ކުޑަކުއްޖެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިދަތުރަކީ އެދަތުރުގެ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި، އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމަށް ދިޔަ ދަތުރެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަދި މިދަތުރުގައި ތަސްލީމް ބައިވެރިވީ ޕާޓީގެ ބެކްޑްރޮޕް ތައްޔާރު ކުރުމަށާއި ލައިޓިންގ އަދި ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މިދަތުރުގައި ތަސްލީމް ހިމެނޭ ގްރޫޕް އެފަސްގަނޑަށް ދިޔުމުގެ ކުރިމް އެހެން ގްރޫޕެއްވެސް އެތަނުގައި ގޮސް އުޅުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 29 އޮގަސްޓުގެ 00:00 އާއި ހަަމައަށް ތަސްލީމް ދަތުރުގެ ބައިވެރިންނާއި އެކު ހަރަކާތްތެރި ވެފައިވާ ކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި އޭގެ ފަހުން ދަތުރު ދިޔަ މީހުންގެ ޓެންޓު ޖަހައިފައި ހުރި ސަރަހައްދުގައި ނިދާފައި އޮތް މަންޒަރު ދަތުރުގެ ބައިވެރިން ނަގައިފައިވާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފެންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

އަދި އޮގަސްޓު 30 ވަނަ ދުވަހުގެ ހެނދުނުވެސް ދަތުރުގެ ބައިވެރިންނާއި އެކު ތަސްލީމް ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެންމެ ފަހުން ފިނޮޅުން ތަސްލީމް ފެނިފައިވަނީ އެދުވަހުގެ ހެނދުނު ކަމަށްެވެސް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެނާ މާލެ ދާން ބޭނުންވާ ކަމަށްބުނުމުން އެދުވަހުގެ 10:00އާއި 11:00 އާއި ދެމެދު އޭނާ މާލެ ފޮނުވުމަށް ލޯންޗެއް ގެނެސް އޭނާ ފުރުވާލުމަށް ހޯދި އިރު އޭނާ ފެނިފައިނުވާ ކަމަށް ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. 

އަދި އޭނާ ނުފެނުމުން އެހެން ލޯންޗެއްގައި މާލެ ދިޔަތޯ ބެލުމަށް ދަތުރުގެ ބައިވެރިން އޭނާގެ އާއިލާގެ މީހުންނަށް ގުޅައި ކޮބައިތޯ ބަަލައިފައިވާ ކަމަށާއި، ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވުމުން ދަތުރުގެ ބައިވެރިންވެސް އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މިމައްސަލާގައި ތަސްލީމް އާއި އެކު ދަތުރު ދިޔަ މީހުންގެ އިތުރުން އެފިނޮޅަށް ދަތުރުގޮސް އުޅުނު 12 މީހުންގެ އެހެން ގްރޫޕެއްގެ އެންމެންނާވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަދި ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕްގެ ފޮރެންސިކް ތަހްލީލް ވެސް ފަށައިފައިވާ ކަމަށާއި ދަތުރު ދިޔުމަށް ބޭނުންކުރި ދެ ލޯންޗެއްވެސް ބަަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މީގެއިތުރުން ތަސްލީމް ހޯދުމަށް މާލޭގައި ތަސްލީމް ޢާންމުކޮށް އުޅޭ ސަރަހައްދުތައްވެސް ބަލަައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މިމައްސަލައާ ގުޅިގެން ތަސްލީމްގެ އާއިލާ އާއި ބައްދަލުކޮށް ތަހްޤީޤަށް ލިބެމުންދާ މަޢުލޫމާތު އޭނާގެ އާއިލާ އާއި ހިއްސާ ކުރެވެމުންދާނެ ކަމަށްެވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco