ދުނިޔެ
ތުރުކީގެ ސްކީ ރިޒޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ
ސްކީ ރިޒޯޓުގައި އަލިފާން ރޯވެފައި، ފޮޓޯ: ގެޓީ
ހުލާސާ
މި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވެފައިވައިވަނީ ކަރްޓަލްކަޔާ ރިޒޯޓުގެ ރެސްޓޯރެންޓެއްގެ ބަދިގޭގަ.
މި ހާދިސާގައި 66 މީހުން މަރުވެފައިވާއިރު 51 މީހަކަށް އަނިޔާވެފައިވޭ.
ތުރުކީގެ ސްކީ ރިޒޯޓެގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި 66 މީހުން މަރުވެ 51 މީހަކަށް އަނިޔާވެފައިވާކަމަށް، އެ ޤައުމުގެ އިންޓީރިއަރ މިނިސްޓަރ، ޢަލީ ޔެރްލިކާޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު އޮތީ ވަރަށް ސީރިއަށް ހާލަތެއްގައިކަމަށް ވެސް، ޙެލްތު މިނިސްޓަރ، ކެމަލް މެމިސޮގްލޫ ހާމަކުރައްވާފައިވެއެވެ.
މިނިސްޓަރ ޔެރްލިކާޔާ މިއަދުގެ އިރާކޮޅު ހާމަކޮށްފައިވާ ގޮތުގައި، މި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވެފައިވައިވަނީ، އެ ޤައުމުގެ ހުޅަނގު-ދެކުނު ސަރަޙައްދުގައި އޮންނަ ކަރްޓަލްކަޔާ ރިޒޯޓުގެ ރެސްޓޯރެންޓެއްގެ ބަދިގޭގައެވެ.
މި ސްކީ ރިޒޯޓު ހުންނަ ބޮލޫ ޕްރޮވިންސްގެ ގަވަރުނަރު، ޢަބްދުލް ޢަޒީޒް އައިދިން އެ ޤައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވަނީ، އަލިފާންގަނޑު ރޯވުމާ ގުޅިގެން ބިރުން އެ ހޮޓަލުން ފުންމާލުމުންނެވެ.
އޭނާ އިތުރަށް ހާމަކުރައްވާފައިވާ ގޮތުން، މި ހާދިސާ ހިނގިއިރު އެ ހޮޓަލުގައި 234 މެހެމާނުން ތިއްބެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އަލިފާންގަނޑު އެހާ ބޮޑަށް ފެތުރުނީ، ހޮޓަލުގެ އެކްސްޓީރިއާގައި ބޭނުންކޮށްފައިވާ ލަކުޑިތަކުގެ ސަބަބުންކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ކަރްޓަލްކަޔާއަކީ ތުރުކީގައި މާޝްހޫރު ސްކީ ރިޒޯޓެކެވެ. މިއީ އެ ޤައުމުގެ ވެރިރަށް އިސްތާންބުލްއާ ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ. އަދި މި ދުވަސްވަރަކީ އެ ޤައުމަށް ސްކޫލު ޗުއްޓީކަމުން، މިއީ ސްކީ ރިޒޯޓުތަކަށް ބާރުބޮޑު ދުވަސްކޮޅެކެވެ.