ޚަބަރު
މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގެ ހާދިސާ ހިނގި ފިހާރަ، ފޮޓޯ: އެމްއެންޑީއެފް
ހުލާސާ
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ.
މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފުރުޓް ޓްރީ އެޕަލް ނަމަކަށް ކިޔާ ފިހާރައިގެ ފުރަތަމަ ފަންގިފިލާގައެވެ.
ނަމަވެސް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއިން މި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށް ހާމަކޮށްފައި ވެއެވެ.
ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފި. pic.twitter.com/On4no5YXma
— Maldives National Defence Force (@MNDF_Official) January 23, 2025
މި ފިހާރަ ހިންގަމުން އަންނަނީ، މަޖީދީމަގުގައި ހުންނަ ކެލާގެ އާގޭގެ އިމާރާތުގައެވެ. މިއީ މޭވާ އާއި ތަރުކާރީ ވިއްކަމުން އައި ފިހާރައެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާންގަނޑު ރޯވެފައިވަނީ ފަތިހު 4:30 ހާއިރެވެ. އަދި މި ހާދިސާއާ ގުޅިގެން މި ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ވެސް އެ ވަގުތު ވަނީ ސިފައިންކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީގެ ޓީމަކުން އަންނަނީ، އެ ސަރަޙައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ. އަދި މި ޓީމުން އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރާނެކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ފްރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މި އޮތޯރިތީގެ ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިންސާނީ އެހީ ފޯރުކޮށްދެންޖެ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން.
— NDMA Maldives (@NDMAmv) January 23, 2025