ޚަބަރު
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވީ އެ ތަނުގައި 8 މިލިއަނެއްހާ ރުފިޔާގެ މުދާ ހުއްޓައި
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި އަލިފާން ރޯވެފައި--- ފޮޓޯ: އެމްއެންޑީއެފް
ހުލާސާ
އެހެން ގެއްލުންތަކާއެކީ މި ހާދިސާގެ ސަބަބުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުމެއް އެ ވިޔަފާރިއަށް ލިބިފައިވާކަމަށް ހާމަކޮށްފައިވޭ.
މާލޭގެ މަޖީދީމަގުގައި ހުންނަ "ފްރުޓް ޓްރީ ފިހާރަ"ގެ ގުދަނުގައި އަލިފާން ރޯވިއިރު އެ ތަނުގައި ގާތްގަނޑަކަށް 8 މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެކަމަށް އެ ފިހާރައިގެ މެނޭޖަރ ބުނެފިއެވެ.
ޑްރައި ފުރުޓްސް އާއި އިލެކްޓްރޯނިކް ބައެއް ސާމާނާއި އަދި ގޭގޭގައި އާންމުކޮށް ހިފައިގެންގުޅޭ ބައެއް ތަކެތި ވިއްކާ މި ވިޔަފާރީގެ ފިހާރަ ގްރައުންޑް ފްލޯރގައި ހުންނައިރު، އެ ތަނުގެ މުދާ ގުދަންކޮށްފައި ހުންނަނީ މަތީ ދެ ފްލޯރގައިކަމަށް އޭނާ ބުނެފައިވެއެވެ.
އެގޮތުން، އެ ދެ ގުދަނުގައި ހުރި، ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ މުދަލާއެކު، ލިބުނު އެހެން ގެއްލުންތަކާއެކީ މި ހާދިސާގެ ސަބަބުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުމެއް އެ ވިޔަފާރިއަށް ލިބިފައިވާކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.
މި ހާދިސާ ހިނގި ގޮތެއް މިހާތަނަށް ސާފުވެފައި ނުވާއިރު، ހާދިސާގެ ސަބަބުން ގުދަނުގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދާފައެވެ. އަދި ގުދަންތައް ނިއްވާލުމަށް ޖެހި ފެނުގެ ސަބަބުން، ގްރައުންޑް ފްލޯރގައި ހުރި ފިހާރައިގެ މުދަލަށް ވެސް ގެއްލުންވެފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ފަތިހު 4:30ހާއިރެވެ. އަދި ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން، އެ އަލިފާންގަނޑު ފަތިހު 5:30 ހާއިރު ނިއްވާލެވުނުކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން 33 މީހަކު ބޯހިޔާވަހިކަމަށް ބޭނުންވާކަމަށް ފާހަގަ ކުރެވުނެވެ. އަދި އޭގެ ތެރޭގައި 14 ދިވެހިންނާއި 19 ބިދޭސީން ހިމެނޭކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މި މީހުންގެ ތެރެއިން 11 ބިދޭސީއަކަށް އެމީހުންނަށް ވަޒީފާ ދީފައިވާ ކުންފުނިން ބޯހިޔާވަހިކަން ހަމަޖެއްސިއިރު، އެތަނުން 22 މީހަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީ ހަމަޖައްސައި ދީފައެވެ.