ދުނިޔެ / ޚަބަރު
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހިރާއްޖެއާއި އިންޑިއާގެ ދިދަ/ފޮޓޯ: ޓެލެގްރާފް އިންޑިއާ
ހުލާސާ
މިއަހަރު ފާހަގަކުރަމުންދަނީ އިންޑިއާގެ 75ވަނަ ޖުމްހޫރީ ދުވަސް
އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސް ވަނީ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ޙިއްސާކުރައްވާފައެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، އިންޑިއާގެ ރައީސް ދްރޯޕަތީ މުރުމޫ އާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އެޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ، އިންޑިއާ އާއި އެކު އޮންނަ ގާތް ގުޅުމަކީ ދެޤައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއްކަމަށެވެ. އަދި، މި ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން މިހާރަށް ވުރެ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދިމާވާ އެކިއެކި މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ސާބިތުކަމާއި އެކު އެމަނިކުފާނު ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. މިއަހަރު ފާހަގަކުރަމުންދަނީ އިންޑިއާގެ 75ވަނަ ޖުމްހޫރީ ދުވަހެވެ.