ޚަބަރު
އާންމު ސަރަޙައްދުތަކުގައި އުޅޭ ބިދޭސީން މޮނިޓަރ ކުރުމުގެ ދެވަނަ ހަރަކާތެއް ހިންގައިފި

ހިނާމާއާގޭ ޕާކިން ސަރަޙައްދުގައި އިމިގްރޭޝަނުން ހަރަކާތްތެރިވަނީ، ފޮޓޯ: އިމިގްރޭޝަން
ހުލާސާ
އާދީއްތަ ދުވަހު ހަރަކާތްތެރިވެފައި ވަނީ ހީނާމާގޭ ޕާކިންގ އޭރިއާ، ޒިކުރާ މިސްކިތް ހުންނަ ސަރަޙައްދު އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި.
އާންމު ސަރަޙައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރ ކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ތިން ސަރަޙައްދެއްގައި އާދީއްތަ ދުވަހު ހަރަކާތްތެރިވެއްޖެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އާދީއްތަ ދުވަހު ހަރަކާތްތެރިވެފައި ވަނީ ހީނާމާގޭ ޕާކިންގ އޭރިއާ، ޒިކުރާ މިސްކިތް ހުންނަ ސަރަޙައްދު އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައެވެ. މިއީ އާންމު ގޮތެއްގައި ގިނަ ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތަކެކެވެ.
އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރ ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގައި އިއްޔެ ހަވީރު 03 ސަރަހައްދެއްގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ ހަރަކާތްތެރިވެފައި. މީގެތެރޭގައި ހީނާމާގޭ ޕާކިންގ، ޒިކުރާ މިސްކިތް ހުންނަ… pic.twitter.com/nqcwgCTeTZ
— Maldives Immigration (@ImmigrationMV) January 27, 2025
އާންމު ސަރަޙައްދުތައް މޮނިޓަރ ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ހަރަކާތަކީ މިހާރަކަށް އައިސް އާންމު ސަރަޙައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ ފަރާތުން އާންމު މަސްލަޙަތު ގެއްލޭ ފަދަ ޢަމަލުތައް ފާހަގަވާތީ ފަށާފައިވާ ސިލްސިލާ ހަރަކާތެއްކަމަށެވެ. އަދި އާންމު މަސްލަޙަތަށް ނުރައްކާތެރިކަން ކުރިމަތިކުރުވާ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އިމިގްރޭޝަނުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައި ވެއެވެ.
މި ހަރަކާތް ކުރިއަށް ގެންދާއިރު، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ މިހާރު ކަނޑައަޅާފައިވާ ޓާސްކްފޯހުން އެފަދަ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.