ދުނިޔެ

ގިނަ ދުވަސްތަކަކަށްފަހު އިންޑިއާ އާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

ގިނަ ދުވަސްތަކަކަށްފަހު އިންޑިއާ އާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

ި ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބައްދަލުކުރެއްވުން، ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 ޖެނުއަރީ 2025، 07:19

28 ޖެނުއަރީ 2025، 07:19

ހުލާސާ

ވައިގެ އުދުހުންތައް ހުއްޓާލާފައި ވަނީ 2020ވަނަ އަހަރު ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހިމާލަޔަން ބޯޑަރއާ ގުޅިގެން ހިނގާދިޔަ ނުރައްކާތެރި ހަމަނުޖެހުންތަކަކަށްފަހު.

ގާތްގަނޑަކަށް ފަސްވަރަކަށް އަހަރު ފަހުން އިންޑިއާ އާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުތައް ފަށަން ދެ ޤައުމުން މަޝްވަރާކޮށްފިއެވެ. 

ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ އުދުހުންތައް ހުއްޓާލާފައި ވަނީ 2020ވަނަ އަހަރު ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހިމާލަޔަން ބޯޑަރއާ ގުޅިގެން ހިނގާދިޔަ ނުރައްކާތެރި ހަމަނުޖެހުންތަކަކަށްފަހުއެވެ.

ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނީ، ފްލައިޓްތައް ޝެޑިއުލްކުރާނެ ގޮތަކާ ގުޅިގެން އަވަސް މުސްތަޤްބަލެއްގައި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއަށް ދެންނެވީ ދެ ޤައުމުން އެއް ވިސްނުމެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި، ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.

2020ގައި ދެ ޤައުމުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އިންޑިއާގައި ޗައިނާގެ ކުންފުނިތަކުން ކުރަމުންދިޔަ އިންވެސްޓްމެންޓްތަކަށް ދަތި ކުރިއެވެ. އަދި ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް އިންޑިއާގައި ބޭނުންނުކުރެވޭ ގޮތް ހެދުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަސިންޖަރުންނަށް އުނދަގޫވާ ގޮތަށް އޮޕަރޭޝަންތައް ބަދަލުކޮށް ހެދިއެވެ. ނަމަވެސް ކާގޯ ފްލައިޓްތައް ކުރިއެކޭ އެއްގޮތަށް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދިނެވެ.

ރޮއިޓާސްއިން މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާ އާއި އިންޑިއާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ޗައިނާއިން ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އޭރު ދަންނަވާފައެވެ. ނަމަވެސް އިންޑިއާއިން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.

ހަމަނުޖެހުންތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ބަދަހިވާން ފެށީ މިދިޔަ އޮކްޓޫބަރު މަހު ޗައިނާގެ ރައީސް ޒީ ޔިންގްޕިން އާއި އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމަށްފަހުއެވެ.

މި ލިޔުން ކިޔާލުމުން