Ads by Exprox

ޚަބަރު

ކަނދުފަތި ޤާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީއާއެކު، ދިވެހި މަސްވެރިކަން އައު ހަރުފަތަކަށް!

ކަނދުފަތި ޤާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީއާއެކު، ދިވެހި މަސްވެރިކަން އައު ހަރުފަތަކަށް!

ގދ.ގައްދޫ ކައިރީގައި އަޅާފައިވާ ކަނދުފައްޗެއް/ ފޮޓޯ: ޕީއެސްއެމް ނިއުސް

28 ޖެނުއަރީ 2025، 10:23

އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، މަސްވެރިކަމުގެ އާލަތްތަކުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީ އިންސްޓޯލް ކުރެވިފައިވާ ކަނދުފަތި ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީއާއެކު ފަށައިފިއެވެ. 

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އަޙްމަދު ޝިޔާމް، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ކޮންސަލްޓެންޓުން ވެސް ހިމެނޭގޮތަށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނދުފަތި ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

ކަނދުފަތީގެ މިހާރު ބޭނުންކުރާ ފަންނިއްޔާތު ބަދަލު ނުކުރާތާ މިހާރު 40 އަހަރު ވެފައިވާކަމަށާއި، އެ ފަންނިއްޔާތު ބަދަލުކުރަން ޖެހޭކަމަށް އެފްއޭއޯގައި ފާހަގަކޮއްފައިވާކަމަށް ވެސް ވަޒިރު ވިދާޅުވެފައިވެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން ދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

އަޅުގަނޑުމެންނަށް މިހާރު ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ކަނދުފަތިތަކުގައި މަސް އަޅާ މިންވަރު މާ ދުރުގައި ތިބެގެން އެބަ ބަލާލެވޭ. މިހާރު އަޅުގަނޑުމެންގެ ހަރުކުރެވިފައި ހުރި ކަނދުފަތިތަކުގައި އެފަދަ ޓެކްނޮލޮޖީއެއް ނެތް. ކަނދުފަތި ދަށަށް އައިމަ މި އެނގެނީ، ކަނދުފަތިދަށުގަ މަސް ހުރިއްޔާ ހުރިކަން، އަދި ނެތިއްޔާ ނެތް ކަން.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.

ޒަމާނީ ފަންނިއްޔާތުގެ އެހީގައި، ދުރުގައިތިބެ، މަސް އުޅޭ ސަރަހައްދާ، އުޅޭ މަސްމަހުގެ ކުޑަބޮޑުމިން ދެނެގަނެވޭ ފަދަ މަސްވެރިކަމުގެ ޢާލާތްތައް ބައެއް ޤައުމުތަކުގައި ޤާއިމުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެފްއޭއޯގެ އެހީތެރިކަމާއެކު މިހާރު މިސައްކަތް ކުރެވެމުން ދަނީ، މިފަދަ އިންގިލާބީ ކުރިއެރުމެއް މަސްވެރިކަމުގެ ސިނާޢަތަށް ހޯދައިދިނުމަށްކަމަށާއި، މި މަސައްކަތް މިހާރު ފެށިފައިވާކަމަށް ވެސް ވަޒީރު މަޢުލޫމާތުދެއްވައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގަ އަޅުގަނޑު އެދުނީ މިއަހަރު އަޅުގަނޑު ވާހަކަ ދައްކާއިރު މި ހަފުތާގެ ތެރޭ އެކަމަށް އެފްއޭއޯއިން ބޭފުޅުން ވަޑައިގެން އަޅުގަނޑުމެންގެ ޓީމްތަކާއެކު އެބަ މަސައްކަތް ކުރޭ.  

ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.

ޒަމާނީ ކަނދުފަތި ރާއްޖޭގައި ބޭނުންކުރެވެން ފެށިއްޖެ ނަމަ، މަސްވެރިންގެ އަތުން ތެލަށް ހިނގާ ހޭދަ ކުޑަވެ، ކަނދުފަތީގެ ވިޔުގައަކީ، މަސްވެރިންނަށް ބޭނުންކުރުމަށް ވަރަށް ފަސޭހަވެގެން ދާނެ ވިޔުގައަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. 

ކަނދުފަތި ހަރުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭހެން ދިރާސާ ކުރަމުން އަންނައިރު، އުންމީދަކީ ޒަމާނީ ކަނދުފަތިތަކަކާއެކު މަސްވެރީންނަށް ރަނގަޅު ފައިދާއެއްވުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco