ޚަބަރު
މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ބެހެއްޓުމަށް ސޮއިކުރުން، ފޮޓޯ: ޙަސަން އިޔާދު/ފަރުދުން
ހުލާސާ
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން.
ހއ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ބެހެއްޓުމަށް، އެ ރަށުގެ ކައުންސިލާއި ބީއެމްއެލްއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހއ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
މި އެއްބަސްވުމަކީ، ރައްޔިތުންގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް ޢަލީ ސިނާންއެވެ. އަދި ބިއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.