ދުނިޔެ

އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގާ މީހުން ސިފައިންގެ ޚިދުމަތުގައި ބައިވެރި ނުވެވޭގޮތް ހަދައިފި

އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގާ މީހުން ސިފައިންގެ ޚިދުމަތުގައި ބައިވެރި ނުވެވޭގޮތް ހަދައިފި

އެމެރިކާ ސިފައިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖެނުއަރީ 2025، 12:28

28 ޖެނުއަރީ 2025، 12:28

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ސިފައިންގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަތަރު އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. މި އޯޑަރުތަކުގެ ދަށުން އެއްޖިންސުން ގުޅުން ހިންގާ މީހުން ސިފައިންގެ ޚިދުމަތުގައި ބައިވެރިވުން މަނާކުރުމާއި، ސިފައިންގޭގެ ޑައިވަރސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ޕްރޮގްރާމްތައް އުވާލުމާއި، ކޮވިޑް-19 ވެކްސިން ނުޖެހުމުގެ ސަބަބުން ވަކިކުރެވުނު ސިފައިން އަނބުރާ ވަޒީފާއަށް ނެރުމާއި ބެކްޕޭ ދިނުން ހިމެނެއެވެ.

މި އޯޑަރުތަކުގައި ސޮއިކުރެއްވީ ފްލޮރިޑާއިން ވޮޝިންގްޓަނަށް ވަޑައިގަންނަވަމުން އެއަރ ފޯސް ވަން ގައި އިންނަވައިގެން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ރައީސް ޓްރަމްޕްގެ މި ނިންމުމަކީ އޭނާގެ ދެވަނަ ދައުރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ނިންމެވި ނިންމެވުމެކެވެ.

އަލަށް އައްޔަންކުރެވުނު ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ވަނީ މިއަދު ޕެންޓަގަނަށް ވަޑައިގެން އިތުރު އެގްޒެކެޓިވް އޯޑަރުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ޕެންޓަގަނުން ޑައިވަރސިޓީ، އިކުއިޓީ އަދި އިންކްލޫޝަން އުވާލުމާއި، ކޮވިޑް މެންޑޭޓްގެ ސަބަބުން ވަކިކުރެވުނު ސިފައިން އަނބުރާ ގެނައުމާއި، އެމެރިކާއަށް "އައަން ޑޯމް" އެއް ޤާއިމްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގާ  މީހުން ސިފައިންގެ ޚިދުމަތުގައި ބައިވެރިވުން މަނާކުރުމުގެ އިތުރުން، ޖެންޑަރ ޕްރޮނައުންތަކާ ގުޅޭ އައު މިންގަނޑުތަކެއް ކަނޑައެޅުމަށްވެސް މި އޯޑަރުގައި ބަޔާންކޮށްފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން، ސިފައިންގޭގައި ހިންގާ ހުރިހާ ޑައިވަރސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ޕްރެކްޓިސްތަކެއް މުރާޖަޢާކުރުމަށްވެސް އަމުރުކުރައްވާފައިވެއެވެ.

މި ބަދަލުތަކަކީ އެމެރިކާގެ ސިފައިންގެ ސިޔާސަތުތަކަށް ގެނެވޭ ވަރަށް ބޮޑު ބަދަލުތަކެއް ކަމަށް ބެލެވެއެވެ. މި ބަދަލުތަކާ ގުޅިގެން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އަނެއްބައި ފަރާތްތަކުން މި ބަދަލުތަކަށް ތާއީދުކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS