ޚަބަރު
މުރައިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުރައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އަދި، މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ވަޒީރުން މެދުވެރިކުރައްވާ އެކިއެކި ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި
ހއ. މުރައިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މުރައިދޫ ސްކޫލުގައި މިއަދު ހެނދުނު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުރައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން، މުއައްސަސާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
މި ބައްދަލުވުމުގައި، މުރައިދޫ ކައުންސިލުން ވަނީ އެރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ނެރާއި ބޭރުތޮށްޓާއި، ބަނދަރުގެ މައްސަލަތަކުގެ ސަބަބުން ލަފާފުރުމަށް ދިމާވެފައިވާ އުނދަގޫތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ރަށުގެ ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ހިއްސާކުރައްވާ، އެކަންކަމަށް އެދެވޭ ޙައްލެއް ގެނެސްދެއްވުމަށް ވަނީ އެދެވަޑައިގެންފައެވެ. ހަމަ އެހެންމެ، މުރައިދޫގެ ކަރަންޓުގެ ޙާލަތާއި، މަގުގެ ޙާލަތްތަކުގެ އިތުރުން، ރަށަށް ފުޓަސަލް ދަނޑެއް ބޭނުންވާކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީރުން މެދުވެރިކުރައްވާ އެކިއެކި ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، އަވަސް ޙައްލެއް ބޭނުންވާ ކަންކަމަށް އިސްކަންދެއްވައިގެން، ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.