ޚަބަރު
ދިއްދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި
ދިއްދޫ ކައުންސިލްގައި ރޭ ބޭއްވި ބައްދަލުވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ވަޢުދުވެފައިވާ މަޝްރޫޢުތައް ތަރުުތީބުން ނިންމެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި
ހއ. ދިއްދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ދިއްދޫ ކައުންސިލް އިދާރާގައި ރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން، މުއައްސަސާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
މި ބައްދަލުވުމުގައި ދިއްދޫ ކައުންސިލުން ވަނީ، އެ ރަށުގެ އިންޖީނުގޭގެ މަސައްކަތް ނުނިމި ލަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މިކަމުގެ ސަބަބުން ޢާންމުންނަށް އުނދަގޫވާ ކަމަށާއި، މިހާރުގެ އިންޖީނުގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުން ބަދަލުކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، އެ ރަށުގެ އައިސް ޕްލާންޓް ނިންމުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި، ދިއްދޫގެ ކައުންސިލް އިދާރާއަށް އައު ޢިމާރާތެއް ބޭނުންފުޅުވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ރަށު ކައުންސިލުން ވިދާޅުވީ، ރަށުގެ ބަނދަރު ސަރަޙައްދު ހެދުމުގެ މަސައްކަތުގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި، ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމެއްކަމަށް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިއްދޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ އެކިދާއިރާތަކުން ތަރައްޤީ ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ދިއްދޫގެ ސްކޫލާއި، ހޮސްޕިޓަލަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިއްދޫގެ ކައުންސިލުން ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ތަރުތީބުން ފުއްދެވުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.