ޚަބަރު
ތަކަންދޫ ފުލުހުންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
ފުލުހުންގެ މަރުކަޒު ހުޅުވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުން
ހއ. ތަކަންދޫގެ ފުލުހުންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވާފި އެވެ. ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ، އެމަނިކުފާނު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ތަކަންދޫއަށް ވަޑައިގެންނެވެ.
ފުލުހުންގެ މަރުކަޒު ހުޅުއްވެވުމަށް ފަހު ރައީސް ވަނީ، އެރަށުގެ ފުލުހުންގެ މަރުކަޒުގެ ދިދަ ވެސް ނަންގަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން، ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ތަކަންދޫ ކައުންސިލާއި، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. ހަމަ އެހެންމެ، ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓްތައް ހެދުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ނުހަނު ބޭނުންފުޅުވާ ކަމެކެވެ.
ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން ފަށައިފައެވެ. ހަމަ އެހެންމެ، ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.