Ads by Exprox

ޚަބަރު

ތަކަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ތަކަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ތަކަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޖެނުއަރީ 2025، 02:32

29 ޖެނުއަރީ 2025، 02:32

ހުލާސާ

ތަކަންދޫ ކައުންސިލުން ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

ހއ. ތަކަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިއަދު ހެނދުނު މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަކަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން، މުއައްސަސާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

މި ބައްދަލުވުމުގައި ތަކަންދޫ ކައުންސިލުން ވަނީ އެ ރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ތަކަންދޫގެ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވާދެއްވާ، ރަށުގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު، ރަށުގެ ބަނދަރުގެ މަޝްރޫޢު ފުރިހަމަކޮށްދެއްވާ، ރަށަށް ޢާމްދަނީ އެއް ހޯދުމަށް ރަށުގެ އިޙްތިޞާޞްގައި ރަށެއް ހިމަނުއްވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. އަދި، އެރަށުގައި ހުރި ގެދޮރުވެރިކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަކަންދޫ ކައުންސިލުން ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ތަރުތީބުން ފުއްދެވުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco