ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ހއ. މާރަންދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. މާރަންދޫއަށް ވަޑައިގެންނެވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
މާރަންދޫއަކީ މިދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި 6 ވަނަ ރަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. މާރަންދޫއަށް ވަޑައިގެންފިއެވެ. އެ މަނިކުފާނު މި ރަށަށް ވަޑައިގެންފައިވަނީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މާރަންދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަޑައިގެންނެވި 6 ވަނަ ރަށެވެ. މި ރަށުގައި، އެ މަނިކުފާނު ވަނީ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން، މާރަންދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިމާރާތުގެ ބިންގާ އެޅުއްވުމާއި، މާރަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް، އެކަމަށް ބޭނުންވާ އިމާރާތް އެޅުމަށް ކައުންސިލާއި ހަވާލުކުރުންވެސް ކުރިއަށްދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި، މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.