ޚަބަރު
ހއ. މޮޅަދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ހއ. މޮޅަދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ:ރައީސް އޮފީސް
ހއ. މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ރަށު ކައުންސިލާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި މޮޅަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާދެވެ.
މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
މިހާރު ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.
މި އެއްބަސްވުމާއެކު ހއ. މޮޅަދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި މާލީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ.