ޚަބަރު
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައިި ޙަޤީޤީ ކުލަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ހއ. ހޯރަފުށި ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
މި ސަރުކާރަކީ ބާރު ދުވެލީގައި ކަންކަން ނިންމަވާނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި
ހއ. ހޯރަފުށީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކަށް ޢަމަލީ ސިފައެއް ގެނަސް ޙަޤީޤީ ކުލަ ޖައްސަވާދެއްވާނެކަމުގެ ޔަޤީންކަން، އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ، އެމަނިކުފާނު މިހާރު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހޯރަފުށްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ކޮންމެ ވަޢުދެއްވެސް ވަރަށް ފަރުވާތެރިމާއިއެކު ފުއްދަވާދެއްވާނެ ކަމަށެވެ. ހަމައެހެންމެ، ރައްޔިތުންނަށް ވެވަޑައިގެންނަވާ ކޮންމެ ވަޢުދުފުޅަކީ ވެސް ޙަޤީޤީ ކުލަ ޖައްސަވަން ޖެހޭނެ ކަންތައްތަކެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މި ސަރުކާރަކީ ރޭވުންތެރިކަމާއިއެކު މަސައްކަތްތައް ކުރިއަށް ގެންގޮސް، ބާރު ދުވެލީގައި ކަންކަން ނިންމަވާނެ ސަރުކާރެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ހޯރަފުށްޓަށް އެ މިނުކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކަށް އަލިއަޅުއްވާލާފައެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫޢަށް މި އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ތަރައްޤީކުރަން އިޢުލާންކުރި ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި ހޯރަފުށީގެ 200 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނޭކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢާއި، ކުނި ނައްތާލުމުގެ ނިޒާމު ތަރައްޤީ ކުރައްވާ، ހޮސްޕިޓަލުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، ހޯރަފުށީގައި ލަފާ ފުރުމަށް ދިމާވާ މައްސަލަތައް ޙައްލު ކޮށްދެއްވާ، ކުޅިވަރު ކުޅުމަށް ޚާއްޞަ ފެސިލިޓީއެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ތަނަވަސް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފާއިތުވެ ދިޔަ 14 މަސް ދުވަހުގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެއްވުނުކަމަށް ރައީސުލުޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ހއ. ހޯރަފުށީގެ ރައްޔިތުންނަށް ފުރިހަމަކަމާއެކު ހަލުވި ދުވެލީގައި ތަރައްޤީގެ ކަންކަން ހާސިލުވެގެންދާ މަންޒަރު ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.