ޚަބަރު
ރައީސްގެ ހއ. އަތޮޅުގެ ފަހު މަންޒިލް: ހއ. އުލިގަން
ރައީސުލްޖުމްހޫރިއްޔާ ހއ. އުލިގަމަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުލިގަމަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފެއްެޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.
ރައީސުލްޖުމްހޫރިއްޔާ އުލަގަމަށް ވަޑައިގެންނެވުމުން، އެ ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ރަށުގައި، އެ މަނިކުފާނު ވަނީ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން، އުލިގަމުގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިމާރާތުގެ ބިންގާ އެޅުއްވުމާއި، އުލިގަމުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް، އެކަމަށް ބޭނުންވާ އިމާރާތް އެޅުމަށް ކައުންސިލާއި ހަވާލުކުރުންވެސް ކުރިއަށްދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ވަނީ ވަޑައިގެންފައެވެ.