ޚަބަރު
އުލިގަމުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އުލިގަމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
އެކި ދާއިރާތަކުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ
ހއ. އުލިގަމުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިއަދު މެންދުރު އުލިގަމު ކައުންސިލް އިދާރާގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުލިގަމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން، މުއައްސަސާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
މި ބައްދަލުވުމުގައި އުލިގަމު ކައުންސިލުން ވަނީ އެރަށުގައި ކުނި މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާކުރައްވާ، އެ ރަށުގައި ކުނިކޮށްޓެއް ޤާއިމުކުރުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ރަށަށް އައު ހެލްތު ސެންޓަރެއް ބޭނުންވާކަން ފާހަގަކޮށް، މިހާރުގެ ހެލްތް ސެންޓަރުގެ ޙާލަތު ވެސް އެ ކައުންސިލުން ވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، އުލިގަމުގައި ކުދިން އުނގެނެމުންދާ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ފައްޓަވާ، ސްކޫލަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނީ ދަންނަވާފައެވެ.
އަދި، ބޭރުގެ އެތައް ޔޮޓުފަހަރެއް ބަނދަރުކުރާ މި ރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ރަށުގައި ޔޮޓް މެރީނާއެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުލިގަމު ކައުންސިލުން ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ތަރުތީބުން ފުއްދެވުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ