Ads by Exprox

ޚަބަރު

ކުންފުނިތަކާ ބެހޭ ބިލް މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފި!

ކުންފުނިތަކާ ބެހޭ ބިލް މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފި!

މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 08:02

16 ސެޕްޓެމްބަރު 2024، 08:02

ކުންފުނިތަކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ. 

މި ބިލަކީ ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށާއި ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަނު ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރުމަށް ކުންފުންޏާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށެހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

މި ބިލު މަޖިލީހަށް ބަލައިގަތީ 77 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާކުރަން ކޮމެޓީއަށް ފޮނުވުމުން ކޮމެޓީން ވަނީ ބިލު ދިރާސާކޮށް ފާސްކޮށްފައެވެ. ކޮމިޓީން އެ ބިލު ފާސްކުރީ 10 ވަރަކަށް މިނެޓުއިރު ތެރޭގައެވެ. އެ ބިލަށް ރުހުން ދިނުމަށް ކޮމިޓީގައި ދެކޮޅު ހަދާފައި ވަނީ އެންމެ މެންބަރެކެވެ.

މި ބިލުގައި ހިމެނެނީ ހިއްސާދާރުންގެ ޚާއްޞަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 21 ދުވަހުން ތިން ދުވަހަށް ކުރު ކުރުމާއި ޚާއްޞަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުރު ކުރުމަށެވެ.

އަދި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ދީފައިވާ ބާރު 10 ދުވަހަށް ކުރުކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco