ޚަބަރު
ހޮނިހިރު ދުވަހު އާންމު ދަތުރުފަތުރަށް އައްޑޫ ހަންކެޑެ ބުރިޖު ހުޅުވާލަނީ
ހަންކެޑެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނިކޮށް/ ފޮޓޯ: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
އަންނަ ހޮނިހިރު ދުވަހު، އާންމު ދަތުރުފަތުރަށް އައްޑޫ ހަންކެޑެ ބުރިޖު ހުޅުވާލާނެކަމަށް އިމާރާތްކުރުމުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގޭ މި މަޝްރޫޢުގައި، ބްރިޖްގެ އަމަލީ މަސައްކަތް ނިންމާ، ދިވެހި ސަރުކާރާ މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ، މިދިޔަ އަހަރު އޮގަސްޓްމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.
1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބުރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިޔައީ އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ އެކުއެކީގައެވެ. މި ބްރިޖު އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2021 ވަނަ އަހަރުގެ އޮކްޓޫވަރު މަހުގައެވެ.
މި މަގު އާއްމުންނަށް ހުޅުވާނުލެވި ލަސްތަކެއް ދިމާވީ އިތުރު ޓެކްނިކަލް ސަރވޭތަކެއްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުންކަމަށް، އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން މީގެކުރިން ހާމަކޮއްފައިވެއެވެ.
މި މަޢުލޫމާތު އެ އިދާރާއިން ހިއްސާކޮށްފައި ވަނީ، މަގު ހުޅުވުން ލަސްވާތީ، އެރަށުގެ ރައްޔިތުން ފާޅުކުރަމުން ގެންދިޔަ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
އައްޑޫ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢަށް 1.19 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ހަންކެޑެ ބުރިޖު އާންމު ދަތުރުތަކަށް ހުޅުވާލުމާއެކު، މިހާރު ހަންކެޑެ ހުރަސްކޮށް ބޭނުންކުރާ ލިންކް ރޯޑްގެ އެ ސަރަޙައްދު އާންމު ދަތުރުފަތުރުތަކަށް ބަންދުކުރާނެއެވެ.
ފަތުރުވެރިކަމަށް ޚާއްސަކޮށް ބިނާކުރެވިފައިވާ މި ބްރިޖުގެ އިތުރުން، އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާ ވެސް މިހާރު ވަނީ އަޅާފައެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ.