Ads by Exprox

ޚަބަރު

ޕީޖީގެ މަޤާމަށް އައްބާސް ގެނައުމަށް މަޖިލީހުގެ ކޮމިޓީއިން ރުހުންދީފި!

ޕީޖީގެ މަޤާމަށް އައްބާސް ގެނައުމަށް މަޖިލީހުގެ ކޮމިޓީއިން ރުހުންދީފި!

ޕީޖީގެ މަޤާމަށް މަޖިލީހުގެ ކޮމިޓީއިން ރުހުން ދިން އައްބާސް. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 08:06

16 ސެޕްޓެމްބަރު 2024، 08:06

ހުސްވެފައިވާ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް އައްބާސް ޝަރީފް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ރުހުންދީފިއެވެ. 

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށް ފަހު އައްބާސް އަށް ރުހުން ދީފައިވާއިރު، އޭނާއަށް ރުހުން ދީފައިވަނީ ކޮމިޓީގެ އިއްތިފާޤުންނެވެ. 

ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ އައްބާސް އާ އިންޓަވިއުކޮށްފައެވެ. މި އިންޓަވިއުގައި އައްބާސް ވިދާޅުވީ، ޕީޖީގެ މަޤާމަށް އޭނާ ކުރިމަތިލެއްވީ ސިޔާސީ އެއްވެސް މީހެއްގެ ބުނުމަކަށް ނޫންކަމަށެވެ.

އެހެންކަމުން އޭނާއަކީ އެއްވެސް މީހެއްގެ ނުފޫޒަށް ލެނބޭނެ މީހެއް ނޫންކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ އޭނާ ޕީޖީގެ މަޤާމަށް ކުރިމަތިލެއްވިކަން އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަމަށާއި، އެކަން އާއްމުންނާ ހަމަޔަށް ފޯރާފައިވަނީ ކުށުގެ ރިކޯޑް ސާފްކުރަން ފޮނުވި ހިސާބުން މީޑިއާތަކަށް އެކަން އެނގިގެން ކަމަށެވެ.

ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ހުޅުވާލީ، އެމަޤާމުގައި ހުންނެވި ޝަމީމް، މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޕީޖީގެ މަޤާމަށް އައްބާސްގެ އިތުރުން އިތުރު ހަ ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އޭގެތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ހައިލަމް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު، އަދި މިހާރުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޢަލީ ޝަމީރު ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްބާސްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އައްބާސްއަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 އިން 2015 އަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ކުރީގެ ދެ ރައީސުންގެ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco