ޚަބަރު
ގައިޑް ސެޓްފިކެޓެއް ނެތި ސަންޕާ ސަރަހައްދަށް ފަތުރުވެރިން ނުގެންދެވޭގޮތަށް ހަމަޖައްސައިފި
ފެހުރުހި/ ފޮޓޯ: މަސްވެރިން
'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަންޕާ) ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިހެން ވިދާޅުވެފައި ވަނީ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އެކުލަވައިލުމާއެކު އެވެ.
ސަންޕާ ސަރަހައްދުގެ ފަރުތަކާއި، އޮއެވަރު ހުންނަގޮތުން، މި ސަރަހައްދަކީ ގިނަ އަދަދަކަށް ޕްލޭންކްޓަން ޖަމާވާ ހިސާބެކެވެ. މީގެ ސަބަބުން، ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި، އޭގެ ފިނި ހޫނުމިން އެއްހަމައެއްގައި ދެމެހެއްޓުމަށާއި، އެޔަށް ބޭނުންވާ ކާނާ ހޯދުމަށް ސަންޕާ ސަރަހައްދަށް ތިލަވެއެވެ.
ހުރިހައި މޫސުމެއްގައިހެން މި ސަރަހައްދުގައި ފެހުރިހި އެއްވެއުޅުމުގެ ސަބަބުން، މި ސަރަހައްދަކީ, ސްނޯކަލްކުރުމާއި، ޑައިވިން ފަދަ ހަރަކާތްތަކަށް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަހައްދެކެވެ. މި ފަދަ ހަރަކާތްތަކުގެ ތެރެއިން ފަހުގެ ތާރީޚެއްގައި ގިނަ ހިތާމަވެރި ހާދިސާތަކަކާ ވެސް ފަތުރުވެރިން ކުރިމަތިލާޖެހިފައިވެއެވެ. މީގެ އިތުރުން މި ސަރަހައްދުގެގާތްގަނޑަކަށް %70 ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާކަމަށް ވެސް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ފެހުރިހި ބެލުމަށް އެ ސަރަހައްދަށް ފައިބާ ފަތުރުވެރިންނާއި، ގައިޑުންނާއި، އެ ސަރަހައްދަށް ގެންދާ އުޅަނދުފަހަރާއި، އުޅަނދުތަކުގެ ކެޕްޓަނުން ޢަމަލުކުރަންޖެހޭ އުސޫލުތައް ވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ. މިގޮތުން ސަންޕާ ގައިޑަކަށްވެވޭނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރާތާ 3 މަސްދުވަހުގެ ފަހުން މި ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ސަންޕާ ގައިޑުންނަށްކަމަށް ވަނީ ބުނެފައެވެ.
މި މެނޭޖްމަންޓް ޕްލޭން އެކުލަވާލެވިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ބޭއްވި އެކި މަޝްވަރާ ބައްދަލުވުމުގެ މައްޗަށް ބިނާކޮށްކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ގޮތުން މި މެނޭޖުމެންޓް ޕްލޭން އެކުލަވައިލުމުގައި 300 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކޮށްފައިވާކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. ހަމައެހެންމެ، މެނޭޖްމަންޓް ޕްލޭންގެ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ފަރާތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ އެޑްވައިސަރީ ކޮމިޓީގެ ލަފާގެ މަތިންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.