ސައިންސް / ޚަބަރު
އޭއައި ބޭނުންކޮށްގެން ފިލާވަޅު ދަސްކުރުމަށް އެހީވެދޭ އެޕެއް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރަކު އުފައްދައިފި

މުޙައްމަދު ތަމީމް އަޙްމަދު ފޮޓޯ:ޕީއެސްއެމް
ޢަރަބިއްޔާ ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރެއް ކަމަށްވާ މުޙައްމަދު ތަމީމް އަޙްމަދު ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފިލާވަޅު ދަސްކުރުމަށް އެހީވެދޭ އެޕްލިކޭޝަނެއް އުފައްދައިފައެވެ. މި އެޕްލިކޭޝަނަކީ ޢަރަބިއްޔާ ސްކޫލްގެ މުޤައްރަރާ ގުޅޭ މަޢުލޫމާތު ފަސޭހައިން ހޯދުމަށް އެހީވެދޭ އެޕްލިކޭޝަނެކެވެ.
ތަމީމް މި އެޕްލިކޭޝަން އުފެއްދީ ޢަރަބިއްޔާ ސްކޫލުން މިއަހަރު ބޭއްވި ސައިންސް ފެއަރއަށް ހުށަހެޅި ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އޭނާ މި އެޕްލިކޭޝަނަށް ދީފައިވާ ނަމަކީ "މުސާޢަދާ" އެވެ. މި ނަމުގެ މާނައަކީ ޢަރަބި ބަހުން "އެހީތެރިކަން" އެވެ.
އޭއައި ބޭނުންކޮށްގެން ސުވާލެއް ކުރީމަ ވަގުތުން މަޢުލޫމާތު ދޭ އެޕެއް އުފައްދަން ވިސްނީ ސްކޫލްގައި ކުރެވުނު ތަޖުރިބާއިން. އަޅުގަނޑަށް ވަރަށް އުނދަގޫ ބަހެއް ޢަރަބިބަހަކީ. ޓިއުޝަން ނެގިޔަސް އުނދަގޫ ޢަރަބިން ކިޔަވަން ތަމީމް
މި އެޕްލިކޭޝަން އުފެއްދުމަށް ތަމީމަށް 3 މަސް ދުވަހުގެ މަސައްކަތް ކުރަން ޖެހުނެވެ. އޭނާ މި އެޕްލިކޭޝަން އުފެއްދީ ޕައިތަން ޕްރޮގްރާމިންގ ލެންގުއޭޖް ބޭނުންކޮށްގެންނެވެ. އަދި އޭއައިއަށް މަޢުލޫމާތު ދަސްކޮށްދިނުމަށް މެޝިން ލަރނިންގ ބޭނުންކުރިއެވެ.
ތަމީމްގެ މި އެޕްލިކޭޝަނަށް ވަނީ ޢަރަބިއްޔާ ސްކޫލްގެ ސައިންސް ފެއަރގައި އެންމެ ގިނަ މާކްސް ލިބިފައެވެ. އަދި އޭނާގެ ހައުސްއަށް އެއްވަނަ ލިބުމުގެ އިތުރުން "މޯސްޓް އިނޮވޭޓިވް ޕްރޮޖެކްޓް" ގެ ލަގަބުވެސް ލިބިފައިވެއެވެ.
ތަމީމް ބުނާ ގޮތުގައި އޭނާގެ އުންމީދަކީ މި އެޕްލިކޭޝަން އިތުރަށް ތަރައްޤީކޮށް، ޢަރަބިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ހެދުމެވެ. އަދި މުސްތަޤުބަލުގައި ސޮފްޓްވެއަރ އިންޖިނިއަރިންގ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ތަމީމް ވިސްނާފައިވެއެވެ.