ޚަބަރު
ގްރޭޓަރ މާލެ ސަރަޙައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރަން އަންގައިފި
"އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީންގެ ބައޯމެޓްރިކްސް ނެގުން ކުރިއަށްދަނީ/ ފޮޓޯ: ސަން އޮންލައިން
ހުލާސާ
މާރިޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑުކުރާނެ
ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރަމުންދާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން އަންގައިފި އެވެ. މި ވުޒާރާއިން ވަނީ، މިކަން އަންގަވައިދެއްވުމަށް ޚާއްޞަ އިޢުލާނެއް ނެރުއްވާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވިލިމާލެ، ތިލަފުށި، އަދި ގުޅިފަޅު ހިމެނޭ ސަރަޙައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރަން ޖެހޭނެކަމަށެވެ. އެގޮތުން، ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަންނަ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަޕްޑޭޓް ކުރުމަށް ވަނީ އަންގަވާފައެވެ. މި ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދިއުމަކީ ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. ހަމަ އެހެންމެ، ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ޑިޕަރޓްމަންޓް އޮފް ފޮރިންގ ލޭބަރ އާއި ގުޅިގެން ކަމަށް އެ ވުޒާރާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާއި، އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ކަންތައްތައް ވިލަރެސްކޮށް، ކޯޑިނޭޓް ކުރަމުން ގެންދާނީ އެންސީއައިޓީ އިން ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރގައި ކަމަށެވެ. އަދި، މި ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ލިބެން ހުންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މާރިޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑުކުރާން ކަމަށެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާޢިމީ ޙައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ ނިމިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާޢިމީ ޙައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަޤީންކުރާނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.