Ads by Exprox

ޚަބަރު / ވިޔަފާރި

ބައިނަލްއަޤުވާމީ އެއަރލައިންތަކުން މިދިޔަ އަހަރު ރާއްޖެއަށް 947 ދަތުރު އިތުރަށް ކުރި

ބައިނަލްއަޤުވާމީ އެއަރލައިންތަކުން މިދިޔަ އަހަރު ރާއްޖެއަށް 947 ދަތުރު އިތުރަށް ކުރި

މޯލްޑިވިއަންގެ ފްލައިޓެއް/ ފޮޓޯ: މޯލްޑިވިއަން

02 ފެބްރުއަރީ 2025، 07:22

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރިދަތުރުތައް އިތުރުވެފައިވާކަން ފާހަގަކުރެވިއްޖެއެވެ.

2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖެ އައި ޝެޑިއުލް އަދި ޗާޓަރ ޕްލައިޓުތަކުގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންކަން އެމްއެމްއޭއިން މަހަކު އެއް ފަހަރު ނެރޭ ސްޓެޓިސްޓިކްސް ރިޕޯޓުން ހާމަވެފައިވެއެވެ. މީގެ އިތުރުން، ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރަމުންނެވެ.

އެމްއެމްއޭގެ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް 15،883 ދަތުރު ވަނީ ކޮށްފައެވެ. އަދި ނިމުނު 2024 ވަނަ އަހަރު މި އަދަދު ވަނީ 16،830 އަށް އިތުރުވެފައެވެ. އެހެންކަމުން 2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ބައިނަލްއަޤްވާމީ ފްލައިޓްތަކުން ރާއްޖެއަށް 947 ދަތުރު ވަނީ އިތުރަށްކޮށްފައެވެ.

2023 ވަނަ އަހަރު ޝެޑިއުލްކޮށް ރާއްޖެއަށް 14،608 ދަތުރު ކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 15،432 އަށް އިތުރުވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއަރލައިންތަކުން ކުރި ދަތުރުތައް އިތުރުވުމުގެ އިތުރުން، ރާއްޖެއަށް މިދިޔަ އަހަރު ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ވެސް ޒިޔާރަތްކޮށްފައެވެ. މިގޮތުން މިދިޔަ އަހަރު ރާއްޖެއަށް މުޅިން އަލަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ

މި ލިޔުން ކިޔާލުމުން

Ads by Stelco